ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

މާލެ ސަރަހައްދުގައި ކުރިއަށްދާ ބިންހިއްކުމުގެ މަޝްރޫއުތައް ހަލުވިކޮށްފި

22 އޯގަސްޓު 2025

|

ހަސަން އާމިރު

މާލޭ ސަރަހައްދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢުތައް ހަލުވިކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭން އެންމެ މުހިންމު އެއް ވަޢުދުފުޅު ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ވަށާޖެހޭ ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލެ ފޭސް 3، ގުޅީފަޅު، ގިރާވަރު ފަޅު އަދި އުތުރު ތިލަފަޅުގެ ބިން ހިއްކުމުގެ މަޝްރޫޢުތައް ހަލުވި ކުރުމުގެ މަސައްކަތް އަވަސްކުރުމަށް އެޗްޑީސީން ވަނީ އާ ޑްރެޖަރު ހޯދައިފަ އެވެ. އެ ގޮތުން އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި 45،000 ޓަނުގެ ދެ ހޮޕާ ޑްރެޖަރާއި 11،000 ޓަނުގެ ހޮޕަ ޑްރެޖަރެއް ބޭނުން ކުރަން ފަށަން ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

"މި މަސައްކަތްތައް ހުއްޓުމެއް ނެތި ވީހާ ވެސް ހަލުވިކަމާ އެކު ކުރިއަށް ގެންދިއުމަށްޓަކައި، މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވެދާނެ އިތުރު ގޮންޖެހުންތައް ކުރިއާލާ ދެނެގަނެ، އެކަންކަން ހައްލު ކުރުމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު މި ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާ ވާހަކަ ދެންނެވީމެވެ." އެޗްޑީސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން މި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫޢުއަކީ ރަސްމާލެ ތަރައްޤީކުރުމުގެ މަސައްކަތެވެ. ރަސްމާލެ މަޝްރޫޢުގެ ދަށުން 65،000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ހައުސިންގ މަޝްރޫޢުގެ ދަށުން ފުރަތަމަ 15،000 ހައުސިންގ ޔުނިޓުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ މިހާރުވެސް ވަނީ ހަވާލުކޮށްފައެވެ. ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 2023 އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

ރަސްމާލެ ތަރައްޤީކުރަނީ 1،153 ހެކްޓަރުގެ ފުށި ދިއްގަރު ފަޅުން 1،009 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. މި މަޝްރޫޢުގެ ދަށުން ރަސްމާލެއިން މިހާރު ވަނީ 129.60 ހެކްޓަރުގެ ބިން ހިއްކައިފައެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަނީ 11 ސަރަޙައްދަކަށް ބަހާލައިގެން ދެ ކުންފުންޏަކުންނެވެ. އެއީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ އާއި މޯހަން މުތާ އެކްސްޕޯޓްސްއިންނެވެ. ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މިމަހުގެ ތެރޭ ވަނީ ޗައިނާގެ ހާބަރ އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފައެވެ. 

ރަސްމާލެ ހިއްކުމުގެ މަސައްކަތް ހަލުވިކުރުމަށް 21،000 ކިއުބިކް މީޓަރުގެ ޑްރެޖަރެއް ގެނެސް މިހާރު ވަނީ މަސައްކަތް ފަށައިފައެވެ. އެގޮތުން ބިންހިއްކުމަށް ފަށާފައިވަނީ ޓްރެއިލަރ ސަކްޝަން ހޮޕަރ ޑްރެޖަރެއް ކަމުގައިވާ "ޔެންގ ޖުން 1" އެވެ. މިއީ ރަސްމާލެ ހިއްކުމަށް މިހާތަނަށް ބޭނުންކުރަމުން އައި ޑްރެޖަރަށް ވުރެ ދެގުނަ ބޮޑު ޑްރެޖަރެކެވެ. ރަސްމާލޭ ސައިޓް "ސީ"ގައި ހިމެނޭ 190 ހެކްޓަރާއި "އީ"ގައި ހިމެނޭ 75 ހެކްޓަރ ހިމެނޭހެން ޖުމްލަ 265 ހެކްޓަރުގެ ބިން ހިއްކަން މިހާރު ވަނީ ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު