ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ކޭއާރްއެޗް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ ޢިމާރާތް ޑިޒައިންކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

22 އޯގަސްޓު 2025

|

ހަސަން އާމިރު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ ޢިމާރާތް ޑިޒައިންކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު ހަމްދާން ނާސިރު އެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައިވާ ޗާޓަރ އިންޖިނިއަރިންގ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޢަބްދުލްއަޒީޒް ޙަސަންއެވެ. މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ ނާޒިމާ ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

ސަތޭކަ ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އަގަކީ 917،484 ރުފިޔާއެވެ.

ސަރުކާރުން ވަނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލް އަދި ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް ނިންމައިފަ އެވެ. މި ތިން ރަށުގެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ވަނީ މި އަހަރުގެ އެޕްރީލް މަހު ސޮއިކޮށްފަ އެވެ. އެ ގޮތުން ތިނަދޫ ހޮސްޕިޓަލްގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއަށެވެ. އެ މަޝްރޫއު ނިމި އާ އިމާރާތް ބޭނުންކުރަން ފެށުމުން ޓާޝަރީ ފެންވަރަށް ޚިދުމަތް ލިިބޭނެ އެވެ. އުނގޫފާރު ހޮސްޕިޓަލްގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ވެސް ހަވާލުކުރީ އެމްޓީސީސީއަށެވެ. އެ މަޝްރޫއު ނިމި އާ އިމާާރާތް ބޭނުންކުރަން ފެށުމުން އުނގޫފާރުން ވެސް ޓާޝަރީ ފެންވަރަށް ޚިދުމަތް ލިބޭނެއެވެ. 

ނައިފަރު ހޮސްޕިޓަލްގެ އިމާރާތް އަޕްގްރޭޑްކޮށް، ޓާޝަރީ ފެންވަރަށް ހެދުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާރ ގާއިމްކުރުމުގެ މަސައްކަތް ހަވާލުކުރީ އާރުޑީސީއަށެވެ. މި މަސައްކަތުގެ ދަށުން ހޮސްޕިޓަލްގެ ލޭބާރޫމް ކޮމްޕްލެކްސް އާއި އައިސީޔޫ އަޕްގްރޭޑް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު