ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ވީއައިއޭގެ ޓެކްސީވޭ، ޗާލީ މަރާމާތު ކުރުމުގެ ފުރަތަމަ ފިޔަވަހި ނިމިއްޖެ

22 އޯގަސްޓު 2025

|

ހަސަން އާމިރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓެކްސީވޭއެއްގެ ގޮތުގައި މިހާރު ބޭނުންކުރާ ޓެކްސީވޭ-ޗާލީ މަރާމާތު ކުރުމުގެ ފުރަތަމަ ފިޔަވަހި ނިންމާލައިފި އެވެ.

ވީއައިއޭގެ ރަންވޭގެ ގޮތުގައި ކުރިން ބޭނުންކުރި، މިހާރު ޓެކްސީވޭގެ ގޮތުގައި ބޭނުންކުރާ ޗާލީގެ ފުރަތަމަ ފިޔަވަހި ނިންމައި، އެމަސައްކަތް ކުރިއަށް ގެންދިޔަ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިން ވަނީ ވީއައިއޭ ހިންގާ އެމްއޭސީއެލްއާ ހަވާލުކޮށްފަ އެވެ. ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ޗާލީ ޓެކްސީވޭގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުމުން އެކަމުގެ ސެޓްފިކެޓް ވަނީ ބީޔޫސީޖީއާ ހަވާލުކޮށްފަ އެވެ. ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ލަތީފް އެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޗެއާޕާސަން އައިޝަތު ނޫރައިން ޖަނާހް އަދި އެމްއޭސީއެލް އާއި ބީޔޫސީޖީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗެއާޕާސަަން ނޫރައިން ވިދާޅުވީ ވީއައިއޭގެ ތަރައްގީގައި ބީޔޫސީޖީ އަކީ މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށާއި ޓެކްސީވޭ މަރާމާތު ކުރުމުގެ މަސައްކަތް ނިމުމުން އެއާޕޯޓް ބޭނުންކުރާ އެއާލައިންތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.

ޗާލީ ޓެކްސީވޭ މަރާމާތު ކުރުމުގެ މަސައްކަތް ބީޔޫސީޖީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ނަމަވެސް ވީއައިއޭގެ ބޮޑެތި މަސައްކަތްތައް ކޮށްފައިވާ ޗައިނާގެ ކުންފުނިން ޓެކްސީވޭ މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އެޕްރީލް މަހު އެވެ. މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ވީއައިއޭގެ އާ ރަންވޭ އާއި އާ ޓާމިނަލް ނިންމުމުގެ މަސައްކަތް ވެސް ކޮށްފައި ވަނީ ބީޔޫސީޖީންނެވެ. އާ ޓާމިނަލްގެ މަސައްކަތް އެ ކުންފުނިން ކޮށްފައި ވަނީ އެ މަސައްކަތާ ހަވާލުވި ސައުދީ ބިން ލާދިން ގްރޫޕުގެ ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު