ENGLISH
03 ސެޕްޓެމްބަރު 2025
އުންމަތުގެ މުސްތަޤުބަލު އުޖާލާވާނީ އިސްލާމީ ނިޒާމާ އެއްގޮތަށް މުޖުތަމަޢުގެ އަފުރާދުން ބައްޓަންވެގެން: ޚުޠުބާ
22 އޯގަސްޓު 2025
|
އުންމަތުގެ މުސްތަޤުބަލު އުޖާލާވާނީ އިސްލާމީ ނިޒާމާ އެއްގޮތަށް މުޖުތަމަޢުގެ އަފުރާދުން ބައްޓަންވެގެން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ޒުވާނުން، އިސްލާމްދީނަށާއި އިސްލާމީ ޝަރީޢަތަށް ލޯބިޖެއްސުމަށް ފަހި ފުރުސަތުތަކެއް މިއަދު ތަނަވަސްވެފައިވާކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، އެތެރޭންނާއި ބޭރުން އެ ޒުވާނުންގެ ސިކުނޑިތަކާ ކުޅެ، އިސްލާމީ ޝަރީޢަތާއި ފެއަށް ޖައްސަން ވެސް އެތަކެއް މަސައްކަތެއް ކުރަމުންދާކަން ވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި މި މަސައްކަތްތަކުގެ އަސަރު، އަހަރުމެންގެ ތަޢުލީމީ ނިޒާމުގެ ތެރެއިންވެސް ފެންނަމުންދާކަން ޚުޠުބާގައި ހިތާމައާއެކު ފާހަގަކޮށް، މިކަމުން ޒުވާނުން ސަލާމަތްކުރުމަށް ރިވެތި ވަޢުޟާއި ޙިކުމަތްތެރިކަމާއެކު އެ ޒުވާނުންނަށް ނަޞޭޙަތްދީ ހެޔޮ މަގަށް ރުޖޫޢަކުރަންޖެހޭނެ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ޒުވާނުން އިސްލާމްދީނާއި ފެއަށް ޖައްސަން ޢަދުއްވުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދީނާއި ބީރައްޓެހި އެތައް ކަމެއް ޢާންމުވެފައިވާކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، އަންހެނުން، ފިރިހެންވެގެން އުޅުމާއި، ފިރިހެންނުން، އަންހެންވެގެން އުޅުމާއި ޓެޓޫޖެހުން ފަދަ ކަންކަން ފާހަގަކޮށްފައިވެއެވެ. އަދި މިކަންކަމަކީ، މިކަންކަން ކުރާ މީހުނަށް މާތް ނަބިއްޔާ ލަޢުނަތްލައްވާފައިވާ ކަންކަން ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.
ޚުޠުބާގައި ބުނެފައިވަނީ އުންމަތުގެ މުސްތަޤުބަލު އުޖާލާވާނީ އިސްލާމީ ނިޒާމާ އެއްގޮތަށް މުޖުތަމަޢުގެ އަފުރާދުން ބައްޓަންވެގެން ކަމަށާއި، ޅަފަތުގައި، ދަރީންގެ ހިތްތަކުގައި އިސްލާމީ ޝަރީޢަތުގެ ފުރިހަމަކަމާއި، އިސްލާމީ މަތިވެރި ޝިޢާރުތައް ދަރީންގެ ހިތްތަކުގައި ބިންވަޅުނެގިގެން ކަމަށެވެ.
އިސްލާމީ ޝަރީޢަތުގައި ސާބިތުވެތިބިއިރު މުސްލިމުންނަކީ ބާރުވެރި، ޢިއްޒަތްތެރި ބައެއްކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި އެކަން ގެއްލުމުގެ ސަބަބަކަށް ޚުޠުބާގައި ފާހަގަކޮށްފައިވަނީ އިސްލާމީ ތަޢުލީމާއި އިސްލާމީ ޝަރީޢަތާއި މުސްލިމުން ދުރުވުމެވެ.
ދެވަނަ ޚުޠުބާގައިވަނީ އިސްލާމީ އުންމަތް ބިނާކުރުމުގައި މިސްކިތްތަކުގެ ދައުރު ފާހަގަކޮށްފައެވެ. އެގޮތުން، މިސްކިތްތަކަކީ އެތަކެއް ޢާލިމުންނަކާއި މުފައްކިރުންނެއް އެތަނުން ދަސްވެނިވި އެދުރުގެތައް ކަން ފާހަގަކޮށްފައިވެއެވެ. އަދި ޙަދީޘް ޢިލްމާއި ފިޤުހު ޢިލްމުފަދަ ޝަރުޢީ ޢިލްމުތަކުގެ އިތުރުން ބޭސްވެރިކަމާއި ހިސާބު ޢިލްމުފަދަ ދުނިޔަވީ ޢިލްމުތައްވެސް މިސްކިތްތަކުގައި ކިޔަވައިދިންކަން ޚުޠުބާގައި ފާހަގަކޮށްފައެވެއެވެ.
ޚުޠުބާ ނިންމާލާފައިވަނީ މިސްކިތްތައް ފަޅުފިލުވައިދޭ މީހުންގެ ސިފަތައް ބަޔާންކުރައްވާ ތައުބާ ސޫރަތުގެ 18 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅާއެކުއެވެ.
"اللَّه ގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، اللَّه އަށާއި، އާޚިރަތް ދުވަހަށް އީމާންވެ، ނަމާދު ގާއިމްކޮށް، ޒަކާތްދީ، اللَّه އަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެއުރެންނަކީ، ތެދުމަގު ލިބިގެންވާ މީހުން ކަމުގައިވުން ގާތްބަޔެކެވެ."