ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި އެމްއޭސީއެލްގެ "ހުނަވަރު" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

21 އޯގަސްޓު 2025

|

ޢަލީ ޝަހީމް

ރޭ ހުޅުލެ އައިލެންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްއޭސީއެލް

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ހިމެނޭ "ހުނަވަރު" ޕްރޮގްރާމްގެ ފުރަތަމަ ބެޗު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. 

ޕްރޮގްރާމް ކުރިއަށްގެންދިޔައީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ގުޅިގެންނެވެ. 

ޕްރޮގްރާމްގެ ނިމުން ފާހަގަކުރީ ރޭ ހުޅުލެ އައިލެންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައެވެ. އެ ޕްރޮގްރާމް ފުރިހަމަކުރި 54 ޒުވާނުންނަށް ރޭ ވަނީ ސެޓްފިކެޓް ދީފައެވެ. 

ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޔޫތު މިނިސްޓަރ، އިބްރާހީމް ވަޙީދެވެ. 

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ވަޒީރު ވަނީ އެމްއޭސީއެލްއިން މީހުން ބިނާކުރުމަށް ކުރަމުންގެންދާ މަސައްކަތް ފާހަގަކުރައްވާފައެވެ. އެމްއޭސީއެލް ފަދަ ގިނަ ދާއިރާތަކަށް މީހުން ބޭނުންވާ ކުންފުންޏަކަށް މީހުން ބިނާކުރުމުގެ މިފަދަ ޕްރޮގްރާމުތަކަކީ މުހިންމު ޕްރޮގްރާމުތަކެއް ކަމަށް އިބްރާހީމް ވަޙީދު ވިދާޅުވިއެވެ. 

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ލަތީފް ވިދާޅުވީ "ހުނަވަރު" ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް އަދި ވަކިން ހާއްސަކޮށް ގައުމު ބިނާކުރުމުގައި މީހުން ތަމްރީނުކުރުމަށް އެމްއޭސީއެލް އިން ގިނަ ދާއިރާތަކުން ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

ޕްެރޮގްރާމްގެ މުޅިން އާ ބެޗެއް ވަރަށް އަވަހަށް އިުލާނުކޮށް ގިނަ ފުރުސަތުތަކެއް ހުޅުވާލާނެކަމަށް މުޖުތަބާ ވިދާޅުވިއެވެ. 

ޕްރޮގްރާމް ފުރިހަމަކުރި ބައެއް ބައިވެރިން. ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލްގެ "ހުނަވަރު" ޕްރޮގްރާމަކީ އެމްއޭސީއެލް އިން ކުންފުންޏަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ހިންގަމުން އަންނަ ޕްރޮގްރާމެވެ. އެގޮތުން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ކުރިއަށް ގެންދާ "ދާލަން" އެކްސްޕޯގެ ތެރެއިން އެމްއޭސީއެލްގެ ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވި 25 ޒުވާނަކަށް ހިންގި ހަ މަހުގެ ތަމްރީން ޕްރޮގްރާމަކަށްފަހު އޭގެ ތެރެއިން 17 ފަރާތަކަށް އެމްއޭސީއެލް އިން ވަނީ ވަޒީފާ ދީފައެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ވަޒީފާ ނުލިބި ތިބި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި އެ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް އަދި ތައުލީމު ފޯރުކޮށްދޭ ފަރާތްތައް ގުޅުވާލުމަށް ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. 

އެމްއޭސީއެލް އިން މި ޕްރޮގްރާމުގައި ބައިވެރިވެ، އެމްއޭސީއެލްގެ ވަޒީފާގެ މާހައުލުގައި މިހާރުވެސް މަސައްކަތް ކުރަމުން އަންނަ، ނަމަވެސް ސަނަދެއް ނެތް 34 މުވައްޒަފަކު ވަނީ މި ޕްރޮގްރާމްގެ ތެރެއިން ގައުމީ އޮނިގަނޑު ލެވަލް 3ގެ ސަނަދެއް ހާސިލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު