ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

21 އޯގަސްޓު 2025

|

އުމްނާ އިސްމާޢީލް

އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މާލެ ވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަނީ، އެ އަތޮޅުގެ މީހުން ދިރިއުޅޭ 8 ރަށަކަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. މީގެއިތުރުން އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ހާލު ވެސް އެމަނިކުފާނު ވަނީ ބައްލަވާލައްވާފަ އެވެ.

މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ އެ އަތޮޅުގެ ހިމަންދޫއަށެވެ. އެ ރަށުގެ، ސިއްހީ މަރުކަޒުގެ އާ އިމާރާތެއް އެމަނިކުފާނު ހުޅުވައިދެއްވިއިރު އެ ރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާހުކޮށް، މި ދަތުރުުފުޅުގެ ތެރެއިން ފުލުހުންގެ މަރުކަޒުގެ ބިންގާ ވެސް ވަނީ އަޅައިފަ އެވެ.

ހިމަންދޫއަށް ފަހު ދެން ރައީސް ވަޑައިގެންނެވީ އއ. މާޅޮހަށެވެ. ހިމަންދޫއާ އެއްގޮތަށް އެ ރަށުގައި ވެސް އޭޓީއެމްގެ ޚިދުމަތް އިފްތިތާހުކޮށްދެއްވައި ފުލުހުންގެ މަރުކަޒުގެ ބިންގާ ވަނީ އަޅާފަ އެވެ.

ދެން ވަޑައިގެންނެވި ފެރިދޫގައި ވެސް ގިނަ މަޝްރޫއުތަކެއް ވަނީ ފަށާފަަ އެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާހުކުރުމުގެ އިތުރުން އެ ރަށުގައި ހުންނަ އއ. އަތޮޅު މަދަރުސާގެ ހަތަރު ކުލާސްރޫމާއި މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫޢު އާއި އެ ރަށު ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ޤާއިމުކުރުމާއި ދޯނި އެހެލާ ސަރަޙައްދާއި ޕިކްނިކް އައިލެންޑް ތަރައްޤީ ކުރުމުގެ މަޝްރޫއު ފެށުން ހިމެނެ އެވެ. އެވެ. އެ ރަށުގައި ގަައިމުކުރާ ޕޮލިސް ސްޓޭޝަންގެ ބިންގާ ވެސް ވަނީ އަޅާފަ އެވެ.

މަތިވެރިއަށް ވެސް ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގެންނެވި އެވެ. އެ ރަށުން ފާހަގަކޮށްލެވޭ އެއްކަމަކީ އެއާޕޯޓު ތަރައްގީކުރުމަށްޓަކައި މަތިވެރީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްއާއި ހަވާލުކޮށް، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމެވެ. އެ ރަށުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރެއް ގާއިމުކުރުމަށްޓަކައި ވަނީ ބިންގާ ވެސް އަޅާފަ އެވެ.

އެއަށްފަހު ވަޑައިގެންނެވި ބޮޑުފޮޅުދޫގައި ވަނީ ހޭންޑްބޯޅަ ކޯޓުގެ ބިންގާ އަޅާފަ އެވެ. އަދި ބޮޑުފޮޅުދޫ ސްކޫލްގެ 5 ކްލާސްރޫމާއި މަލްޓިޕާރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ.

ރައީސް ވަނީ އެ އަތޮޅުގެ ތޮއްޑޫއަށް ވެސް މި ދަތުރުފުޅުގެ ތެރެއިން ޒިޔާރާތްކުރައްވާފަ އެވެ. އެ ރަށުގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނާއި ކައުންސިލް އިދަރާގެ ބިންގާ މި ދަތުރުފުޅުގެ ތެރެއިން އަޅާފައިވާއިރު ރައީސް ވަނީ ރަށުގެ ސިއްޙީ މަރުކަޒު 30 އެނދުގެ ހޮސްޕިޓަލަކަށް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސެކިއުރިޓީސް އުފައްދާ އެ ފެކަލްޓީގެ އިމާރާތް ތޮއްޑޫގައި ޤާއިމުކޮށް، މަގު ހެދުމުގެ މަޝްރޫޢު އަލުން ފެށުމަށް ތައްޔާރުވެފައިވާ ކަން އިއުލާނުކުރައްވާފަ އެވެ. މީގެ އިތުރުން އަންނަ ފެބްރުއަރީ މަހުން ފެށިގެން ތޮއްޑޫ އަށް ސީޕްލޭން ދަތުރުތައް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. ތޮއްޑޫގެ ފެނާއި ނަރުދަމާވެސް އިފްތިތާހުކޮށްދެއްވިއިރު 10 ކްލާސްރޫމާއެކު ރަށުގެ ފާލަން ތަރައްގީކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރެވިފަ އެވެ. އަދި ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއްގެ ޚިދުމަތް ފަށައި، ބީއެމްއެލްގެ އާ ބްރާންޗުގެ ބިންގާ ވެސް ވަނީ އަޅައިފައެވެ.

ތޮއްޑޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މާސްޓާސް ޓޭބަލް ޓެނިސް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެ މުބާރާތް ރައީސް ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވައިފައެވެ.

ރަސްދޫއަށް ވަޑައިގެންނެވުމުން އެ ރަށުގެ ތައުލީމީ މަރުކަޒުގެ އައު އިމަރާތާއި މަގު ހެދުމާއި ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއު ވެސް ވަނީ ސަރުކާރުގެ ކުންފުނިތަކާއި ހަވާލުކޮށްފައެވެ. އެ ރަށުގައި ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ޚިދުމަތް ވެސް ވަނީ ފަށާފަ އެވެ. ރަސްދޫގައި ވަނީ ޑައިލިސިސް ސެންޓަރު ރައީސް ހުޅުއްވައި ދެއްވާ އެ ރަށުގެ އާ ހޮސްޕިޓަލުގެ ބިންގާ ވެސް އަޅުއްވައިދެއްވައިފައެވެ.

މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލް ކަމަށްވާ އުކުޅަހަށް ރައީސް ރޭ ވަޑައިގަތުމަށް ފަހު، ތަރައްގީގެ ތިން މަޝްރޫއުއެއް ހިންގުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ. އެއީ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުުރުމާއި ރަށު ސުކޫލުގައި އޮފީސް އިމާރާތެއް ޤާއިމުކުރުމާއި ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއު އެވެ. އެ ރަށުގެ އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ވެސް ފެށިއިރު އެ ރަށުގައި ބީއެމްއެލްގެ ގޮތްޕަކާއި އެކު ޑޮލަރު އޭޓީއެމްގެ ޚިދުމަތް ވެސް ވަނީ ފަށާފަ އެވެ.  

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކަމަކީ މުޅި އއ. އަތޮޅަށް އައިޑީ ކާޑު ޕްރިންޓްކުރުމާއި ދޫކުރުމުގެ ޚިދުމަތް ފުޅާކުރެވިގެންދިއުމެވެ. އެގޮތުން، އއ. އަތޮޅު ކައުންސިލުން މި ޚިދުމަތް ލިބޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ. މި ޚިދުމަތް ފެށުމާއެކު އެ އަތޮޅުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު