ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

އުކުޅަހުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި

21 އޯގަސްޓު 2025

|

ޢަލީ ޝަހީމް

އުކުޅަހުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުން. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އއ. އުކުޅަހުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. 

އުކުޅަހުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

އެރަށުގައި ގާއިމުކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. އަރިހުގައި ވަޑައިގަތީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއާއި އުކުޅަހު ކައުންސިލްގެ ރައީސްގެ އިތުރުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަޢުދީ އެވެ. 

ރާއްޖޭގެ ހުރިހާ ރަށަކުން ފުލުހުންގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. މިހާރު ސަރުކާރުން އަންނަނީ މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ ބޮޑު މަޝްރޫޢެއް ހިންގަމުންނެވެ. އޭގެތެރޭގައި، ފުލުހުންގެ މަރުކަޒުތައް މަރާމާތު ކުރުމާއި، ފުލުހުންގެ ޕޯސްޓުތައް ޤާއިމުކުރުމާއި، ފުލުހުންގެ އާ މަރުކަޒުތައް އެޅުން ހިމެނެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި އުކުޅަހުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުމުގެ އިތުރުން، އެރަށަށް ބޭނުންވާ މުހިއްމު މަޝްރޫޢުތަކެއް ކުރިއަށްގެންދަން ނިންމަވާފައިވެއެވެ. 

އުކުޅަހު ރައްޔިތުންނާއެކު ރޭ ބޭއްވެވި ޖަލްސާގައި ވަނީ އެރަށުގައި ތިން މަޝްރޫޢެއް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ޖަލްސާގައި ސޮއިކުުރުން އޮތީ އުކުޅަހު ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުުރުމާއި އުކުޅަހު ސުކޫލުގައި އޮފީސް އިމާރާތެއް ޤާއިމުކުރުމާއި ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫޢުގައެވެ.

އަދި، ބިމުގެ ދަތިކަން ކުރިމަތިވެފައިވާ އުކުޅަހުގެ ލޭންޑް ޔޫސް ޕްލޭން އިޞްލާހުކޮށް އެރަށުގައި ލޯކަލް ޓޫރިޒަމަށް ޚާއްޞަކޮށްފައިވާ ބިންތަކުން 250 ގޯތި ދޫކުރެވޭގޮތް ފަހިކޮށްދެއްވާނެކަމަށް ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

އުކުޅަހުގައި މިއަދު ހެނދުނު ވަނީ ބީއެމްއެލްގެ އާ ގޮފި ހުޅުވައި އެރަށުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ވެސް ފަށައިފައެވެ. 

ރައީސުލްޖުމްހޫރިއްޔާ އއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކީ އުކުޅަހެވެ. ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގައި އއ. އަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށަށް ވަޑައިގެންނެވިއެވެ. 

ކިޔުންތެރިންގެ ހިޔާލު