ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ޢަބްދުއްރަޙްމާން މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފި

21 އޯގަސްޓު 2025

|

ޢަލީ ޝަހީމް

އއ. މާޅޮސް، އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު މާލެ ގެނައުން -- ފޮޓޯ: ވޮއިސް

އއ. މާޅޮހުގައި ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ރޭ، އއ. މާޅޮސް، އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމް (65 އަހަރު) މާރަލި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. 

ހައްޔަރުކުރީ ކޮންރަށެއްގެ، ކޮންބައެއްކަމެއް ފުލުހުން ބުނެފައެއްނުވެއެވެ. މަޢުލޫމާތުލިބިފައިވާ ގޮތުގައި ހައްޔަރުކުރި ތިން މީހުން ވެސް ނިސްބަތްވަނީ މާޅޮހަށެވެ. 

ޢަބްދުއްރަޙްމާންގެ މަރުގެ މައްސަލައިގެ ތަޙްޤީގުގައި ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ތިން މީހެއްގެ ގެ ބަލައި ފާސްކޮށް، އަންނައުނު ގެންގޮސްފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ ވެސް އެ ތިން މީހުންނެވެ. 

ތިން މީހުންގެ ތެރެއިން ދެމީހުން ހައްޔަރުކުރީ މާޅޮހުންނެވެ. ތިންވަނަ މީހާ ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ. 

ޢަބްދުއްރަޙްމާންގެ މަރުގެ މައްސަލަ ރިޕޯޓްވުމާއެކު ފުލުހުން ގެންދަނީ އެރަށުގައި ތަހުގީގު ހިންގަމުންނެވެ. މާޅޮހަކީ ދާއިމީކޮށް ފުލުހުން ތިބޭ ރަށެއް ނޫނެވެ. އެކަމަކު ޢަބްދުއްރަޙްމާންގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް މާޅޮހަށް ގޮސް އެރަށުގެ ޞިއްޙީ މަރުކަޒުގެ ބައެއްގައި ސްޓޭޝަންވެ އަންނަނީ މަސައްކަތްކުރަމުންނެވެ. 

ތަހުގީގު ފެށިފަހުން ފުލުހުން ވަނީ ޢަބްދުއްރަޙްމާންގެ އަންހެނުން ނާޒިމާ އިބްރާހީމްގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެކަމަކު އެ ފޯނު އަނބުރާ ނާޒިމާއާ މިހާރު ވަނީ ޙަވާލުކޮށްފައެވެ. 

ގޭގައި ނިދާފައި އޮއްވާ ޖުލައި 12 ވަނަ ދުވަހުގެ ރޭ ދަންވަރު ޢަބްދުއްރަޙްމާން އާދަމް އަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން، ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ އެރޭ ފަތިހުއެވެ. 

ކިޔުންތެރިންގެ ހިޔާލު