ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ގެސްޓްހައުސް ވިޔަފާރިވެރީންނަށް ރައީސްގެ އިލްތިމާސް: ﷲ ނުރުއްސަވާ މަގަކުން ފައިސާ ނުހޯދާ

20 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

އުކުޅަހުގައި ރައީސް ވާހަކަ ދައްކަަވަނީ. --ފޮޓޯ: ރައީސް އޮފީސް

ގެސްޓްހައުސް ވިޔަފާރީގެ ތެރެއިން ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް ނުކުރުމަށާއި މާތްﷲ ނުރުއްސަވާ މަގަކުން ފައިސާ ނުހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ގެސްޓްހައުސް ވިޔަފާރީގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ އއ. އުކުޅަހު ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސް ވަނީ ގެސްޓްހައުސް ވިޔަފާރި ހިންގަނީ ދިވެހީން ދިރިއުޅޭ ރަށްރަށުގައި ކަމަށާއި އެއީ ވަކީން އޮތް ރިސޯޓްތަކެއް ނޫންކަން ފާހަގަކުރައްވާ އެ ވިޔަފާރީގައި އުޅޭ ފަރާތްތަކުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުވެސް މި އިންޑަސްޓްރީ ފުޅާވާން ބޭނުންފުޅުވާ ކަމަށާއި އެކަމަށް ފުރިހަމަ އެހީތެރިކަން ސަރުކާރުން ދެއްވާނެ ކަމަށެވެ. ނަމަވެސް އެ ވިޔަފާރީގެ ތެރެއިން ދިވެހީންގެ ޤަބޫލުކުުރުންތަކާއި އަޤީދާއާ ޚިލާފު ކަންކަން ހިންގުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވި އެވެ. އަދި ތަކުރާރު ކުރައްވާ ވިދާޅުވީ ރިސޯޓްތަކާއި ސަފާރީތަކުގައި ކުރާ ކަންކަން ރަށްރަށުގައި ނުކުރެވޭނެ ކަމަށެވެ.

އެމަނިކުފާނު ވަނީ މުއްސަނދިކަން ހޯދުމަށްްޓަކައި ކޮށްގެން ނުވާނެ ކަން ހުންނާނެ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ އުކުޅަހަށް ވަޑައިގަތުމުން ޝުއޫރުތަކެއް ލިޔެފައިވާ ގަނޑެއް ކުޑަކުދީންތަކެއްގެ ފަރާތުން ލިބިފައިވާ ކަމަށެވެ. އެގަނޑުކޮޅުގައި އެ ކުދީން ބީޗަށް ދާން ބޭނުންވާ ކަމާއި ނަމަވެސް ފަތުރުވެރީން ނިވާކަން ކުޑަ ހެދުމުގައި އުޅޭތީ އެކަމަށް ހުރަސް އެޅޭ ކަމަށް ލިޔެފައިވާ ކަމަށެވެ.

އެ ކުދީން ހަވާލުކުރި ގަނޑުކޮޅުގައި ލިޔެފައިވާ ވާހަކަތައް އަކުުރުން އަކުރަށް ވިދާޅުވުމަށް ފަހު ރައީސް ވަނީ ގެސްޓްހައުސް ވިޔަފާރި ހިންގާއިރު އިންތައް ހިފަހައްޓަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ އަޤީދާ އަޅުގަނޑުމެން މާތްވެގެންވާ އިސްލާމްދީން ބުނެދޭ ހަމަތަކުގެ މަތީން މުއްސަނދިކަން ހޯދަން މަސައްކަތް ކުރީމަ މާތްﷲ سبحانه و تعالى އެކަމުގައި ބަރަކާތް ލައްވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށުގެ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރީންނަށް ރަށުގެ ކައިރީގައި ސަފާރީއެއް ބާއްވައިގެން އެ މީހުން ގެންގޮސް ރާ ދީ ހަދާ ކަމަށެވެ.

"ކާކަށް އޮޅުވާލަންތޯ މަސައްކަތް ކުރަނީ. ހަމަ ޔަގީނުންވެސް ވެރި އިލާހު މޮޅަށް ދެނެވޮޑިގެންވޭ ހުރިހާ ކަމެއް. އަޅުގަނޑުމެން ކޮން މުއްސަނދިކަމެއްތޯ މި ހޯދަނީ އެކަލާނގެ ނުރުއްސަވާ މަގަކުން. ކޮން ބަރަކާތެއްތޯ އެކަމުގައި އޮންނާނީ. ކޮން ޝޯޓް ކަޓެއްތޯ ނަގަން މަސައްކަތް މި ކުރަނީ. މިވަގުތު ކަމެއް ނޭނގެ އަޅުގަނޑުމެން މި ދުނިޔެ ދޫކުރާނީ. މާދަމާ މިކަން އިސްލާހު ކުރާނެ ވަގުތު އޮންނާނެތޯ،"

އެމަނިކުފާނު ވަނީ އަޅުގަނޑުމެންނަކީ މުސްލިމުންކަން އަބަދުވެސް ހަނދާން ކުރާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ދުނިޔެއަކީ ކުޑަހިނދުކޮޅަކު ތިބޭ މަންޒިލެއްކަން ފާހަގަކުރައްވާ ދެން ދާން އޮތް މަންޒިލް ކަށަވަރު ނުކުރާނަމަ އެ ބަޔަކީ އެންމެ މޮޔަ މީހުން ކަމަށް ވިދާޅުވެފަ އެވެ.

އަދި މުއްސަދިކަން ހޯދާނަމަ ރަނގަޅު ގޮތުގައި ހޯދޭތޯ ޔަޤީން ކުރަންޖެހޭ ކަމަށް ވިދާޅުވެ މި ވިޔަފާރީގައި ހަރަކާތްތެރިވާ ހުރިހާ ބޭފުޅުންނަށް އަމިއްލަ ނަފްސަށް އިޚްލާސްތެރިވުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފަ އެވެ. އަދި ޔަޤީންކަން ދެއްވީ އެ ވިޔަފާރިވެރީންނަށް ފުރިހަމައަށް އެހީތެރިވެދީ އެއްބާރުލުން ދޭނެ ސަރުކާރެއްގެ ގޮތުގައި އެމަނިކުފާނުގެ މި ސަރުކާރު ދެމި އޮންނާނެ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު