ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ފުލުހަށް ނަގާފައި އޮތް ބޮޑު ބިމުން ބައެއް ރަސްދޫ ކައުންސިލަށް، ރައީސް ދެއްވީ ކައުންސިލްތައް ބާރުވެރިކުރުވާނެ ކަމުގެ ޔަޤީންކަން

20 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

މީގެ އަހަރުތަކެއް ކުރީން އއ. ރަސްދޫ އިން އެ ރަށުގައި ޕޮލިސް ސްޓޭޝަން އެޅުމަށް ދީފައިވާ ބޮޑު ބިމުން ބައެއް ރަސްދޫ ކައުންސިލަށް ދިނުމަށް ނިންމާ އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފި އެވެ.

އެމަނިކުފާނު އެކަން އިޢުލާނު ކުރެއްވީ އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަސްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ކައުންސިލްތައް ބާރުވެރިކުރުވުމަށް ކަމަށާއި ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށް ދެއްވުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރަސްދޫ އިން އެ ރަށުގައި ޕޮލިސް ސްޓޭޝަން އެޅުމަށް ވަރަށް ބޮޑު ބިމެއް ވަރަށް މުހިންމު ސަރަޙައްދަކުން ދީފައިވާ ކަމަށެވެ. އެ ބިމުން ބައެއް ކައުންސިލާއި ހަވާލު ކުރަން ނިންމާފައިވާ ކަމަށް ރައީސް އިޢުލާނު ކުރެއްވި އެވެ. އެ ގޮތުން އެ ބިމުގެ އިރުދެކުނުން 10,000 އަކަފޫޓް ވަކިކޮށް ކައުންސިލަށް ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އެއީ ވަރަށް ރަނގަޅު ލޮކޭޝަނެއް. އެހެންކަމުން އެ ލޮކޭޝަން ކައުންސިލުން އޮންނަ އުސޫލަކުން ކުއްޔަށް ދޭން އިއުލާނު ކުރިޔަސް، ޓޫރިޒަމްގެ ބޭނުމަަށް އަދި އެހެން ބޭނުމަކަށް ވިޔަސް ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އޭރުން އެ ބިމުން ރައްޔިތުންނަށް ފައިދާވާނެ ކަންކަންވެސް ކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

މަޑިވަރު ފިނޮޅު ތަރައްޤީ ކުރާނެ, ބިން ހިއްކާނެ

މި ޖަލްސާގައި ރައީސް ވަނީ ރަސްދޫއަށް ދީފައިވާ މަޑިވަރު ފިނޮޅު ތަރައްގީކޮށް ހިމާޔަތްކޮށް ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެގޮތުން މަޑިވަރު ވަށަައިގެން ޖިއޯބޭގް ޖަހާ އެ ރަށް ތަރައްޤީ ކުރުން އިސްކަންދޭ މަޝްރޫއުތަކުގެ ތެރޭގައި ހިމަނުއްވާނެ ކަމަށް ވިދާޅުވި އެވެ.

އަދި ރަށުގެ ފަޅުން ކައުންސިލާއި ހަވާލުކޮށްފައިވާ 200 ހެކްޓަރުން ބައެއް ހިއްކަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އޭރުން ގެދޮރުވެރިކަމާއި ސިނާއީ މަސައްކަތަށް ބިން ލިބޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މިސްކިތެއް ބިނާކުރާނެ ބިމެއް ހަމަޖެހުނުހާ އަވަހަށް އެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު