ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ތޮއްޑޫއަށް ރައީސް ދެއްވީ އުފާވެރި ޚަބަރުތަކެއް: ހޮސްޕިޓަލާއި ސީޕްލޭންގެ ޚިދުމަތާއި ފެކަލްޓީއެއް

20 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ތޮއްޑޫ ރައްޔިތުންނާ މުޚާތަބް ކުރައްވާ ރައީސް މިއަދު ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

ކުރިއަަށް ދުވަސްތަކުގައި އއ. ތޮއްޑޫގައި މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދަވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފި އެވެ.

އއ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތޮއްޑޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެ ރަށުގައި މިއަދު މުހިންމު މަޝްރޫޢުތަކެއް ފަށާފައިވާކަން ފާހަގަކުރައްވާފަ އެވެ.

އެގޮތުން ފެނާއި ނަރުދަމާގެ ޚިދުމަތް މިއަދު ރަސްމީކޮށް އިފްތިތާޙު ކުރެވިގެންދިޔައިރު ތޮއްޑޫ ދެކުނު ފަރާތުގައި ފާލަން ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް، އެ ރަށު ސުކޫލްގެ 10 ކުލާސް ރޫމާއި އިތުރު ވަސީލަތްތައް ޤާއިމުކުރުމުގެ މަަސައްކަތު އެއްބަސްވުމުގައި ސޮއިކުރިކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ވަނީ އެ ރަށުގައި އިތުރު މަޝްރޫޢުތައް ކުރިއަށް ގެންދަވާނެކަން އިޢުލާނު ކުރައްވާފަ އެވެ. އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވި އެއް ކަމަކީ ސިއްޙީ މަރުކަޒު ތަރައްޤީ ކުރުމުގެ މަސައްކަތެވެ. ރައީސް ވިދާޅުވީ އެ މަސައްކަތް އިތުރަށް ބޮޑުކޮށް އައިސީޔޫ އަކާއި އޮޕަރޭޝަންތައް ތިއޭޓަރެއްވެސް ހިމެނޭހެން 30 އެނދުގެ ހޮސްޕިޓަލެއްގެ ގޮތުގައި އެ މަޝްރޫޢު ކުރިއަށް ގެންދަވަން ނިންމަވާފައިވާ ކަމަށެވެ.

މީގެ އިތުރުން އެމްއެންޔޫގައި ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސެކިއުރިޓީސް އުފައްދާ އެ ފެކަލްޓީގެ އިމާރާތް ތޮއްޑޫގައި ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މަގު ހެދުމުގެ މަޝްރޫޢު އަލުން ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ރަށެއްގެ ރައްޔިތުން ކުރާ އިޤްތިސާދީ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތަށް ކަންކަން ފަހިކޮށްދެއްވުމަށް އެމަނިކުފާނު އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. ތޮއްޑޫ އަކީ ދަނޑުވެރިކަމާއި ލޯކަލް ޓޫރިޒަމްގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ރަށެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ރަށުގައި ސީޕްލޭން ޕްލެޓްފޯމް ޤާއިމުކޮށް އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޝެޑިއުލް ދަތުރުތައް ފައްޓަވާނެ ކަމަށެވެ.

މީގެ އިތުރުން ވެސް އިތުރު މަސައްކަތްތައް ތާވަލުކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

* ފިޓްނެސް ރިކުރިއޭޝަން ސެންޓަރު އިމާރާތްކުރުން

* އައުޓް ޑޯ ޖިމް ހެދުން

* ހޭންޑް ބޯލް ކޯޓެއް ޤާއިމުކުރުން

* ސްޕޯޓްސް ބޮއި ޤާއިމުކުރުން

ރައީސް ވިދާޅުވީ އެ މަޝްރޫޢުތައް ވަރަށް ސަމާލުކަން ދީގެން ވަރަށް އަވަހަށް ނިންމަވައި ދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު