ENGLISH
05 ސެޕްޓެމްބަރު 2025
ފިލިޕީންސްއަށް ކަނޑައެޅުއްވި ސަފީރު، ޑރ. ޝަބީނާ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
20 އޯގަސްޓު 2025
|
ފިލިޕީންސްއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ޑރ. މަރްޔަމް ޝަބީނާ އަޙްމަދު ސަފީރުކަމުގެ ފަތްކޮޅު ފިލިޕީންސްގެ ރައީސަށް އެރުވުން. ފޮޓޯ: ޚާރިޖީ ވުޒާރާ
ދިވެހިރާއްޖެއިން ފިލިޕީންސް އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ޑރ. މަރްޔަމް ޝަބީނާ އަޙްމަދު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ފިލިޕީންސް ގެ ރައީސް ހިޒް އެކްސެލަންސީ ފަރްޑިނެންޑް ރ. މާރކޮސް ޖޫނިއަރ އަށް މިއަދު އަރުވައިފިއެވެ.
ރަސްމިއްޔާތު ބާއްވާފައިވަނީ ފިލިޕީންސް ގެ ރިޔާސީ ގަނޑުވަރުގައެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ސަފީރު ޑރ. މަރްޔަމް ޝަބީނާ އަޙްމަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އާއި ހެޔޮއެދުންތައް ފިލިޕީންސް ގެ ރައީސް އަށް އަރިސްކުރައްވާފައެވެ. އަދި އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަންވެސް އެރުވިއެވެ.
ފިލިޕީންސްގެ ރައީސްގެ ވާހަކަފުޅުގައި ޑރ. ޝަބީނާއަށް މަރުހަބާ ވިދާޅުވެ، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތުގައި އެކަމަނާއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ޔަޤީންކަން ދެއްވިއެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި ސަފީރުގެ އަރިހުގައި މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ކައުންސެލަރ ހުސެއިން ޖައްހާޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.