ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

އެއަރޕޯޓް ތަރައްޤީކުރަން، މަތިވެރީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

20 އޯގަސްޓު 2025

|

ޢަލީ ޝަހީމް

މަތިވެރީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުން. ފޮޓޯ: ރައީސް އޮފީސް

އއ. މަތިވެރީގައި ތަރައްޤީކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ އެއަރޕޯޓުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ހެނދުނު ފަށައިފިއެވެ. 

މަތިވެރީގައި އެއަރޕޯޓެއް އެޅުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި 2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދެކެވެ. އޭގެފަހުން ރައީސްކަމާ ޙަވާލުވެވަޑައިގެން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެރަށަށް ވަޑައިގެން ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މިއަހަރު އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަތިވެރީގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަޝްރޫޢު ޙަވާލުކުރީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އެވެ. 

ބިން ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު އަމަލީ ގޮތުން ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފިނޭންސް އެންޑް ޕްލޭނިން ޙުސައިން އިމްރާން އަބްދުލް މުހައިމިން އަދި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އަދި މަތިވެރި ކައުންސިލްގެ ރައީސް އަޙްމަދު އަސްލަމެވެ. 

މަތިވެރީގެ ރައްޔިތުންނާ ބައްދަލުކޮށް ރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަތިވެރީގައި އެއަރޕޯޓް ތަރައްޤީކުރަން 26.5 ހެކްޓަރުގެ ބިން އެރަށުން ހިއްކަން ހަމަޖެހިފައިވާ ކަމަށެވެ. އެ ބިމާއެކު އެއަރޕޯޓްގެ އިތުރުން، ތަރައްޤީގެ އިތުރު ކަންކަން އެރަށަށް ފަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ ވަނީ ހަތަރު ރަށަށް ވަޑައިގެންފައެވެ. ބާކީ ހަތަރު ރަށަށް ވަޑައިގަންނަވާނީ މިއަދެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެނބުރި މާލެ ވަޑައިގަންނަވާނީ މާދަމާއެވެ. 

ކިޔުންތެރިންގެ ހިޔާލު