ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

މަތިވެރީގެ ބިންހިއްކައިގެން އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

19 އޯގަސްޓު 2025

|

ޢަލީ ޝަހީމް

އއ. މަތިވެރީގެ ބިންހިއްކައިގެން އެރަށުގައި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފިއެވެ.

މަތިވެރީގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަޝްރޫޢު ޙަވާލުކުރީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް އެވެ. އަދި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފިނޭންސް އެންޑް ޕްލޭނިން ޙުސައިން އިމްރާން އަބްދުލް މުހައިމިންއެވެ.

އެއްބަސްވުމުގައި ސޮއިކުރުން އޮތީ މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި ޖަލްސާގައެވެ. 

މަތިވެރީގައި އެއަރޕޯޓެއް އެޅުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި 2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދެކެވެ. އޭގެފަހުން ރައީސްކަމާ ޙަވާލުވެވަޑައިގެން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެރަށަށް ވަޑައިގެން ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މިއަހަރު އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެއަރޕޯޓުގެ ތަރައްޤީއަށް އެރަށުން 26.5 ހެކްޓަރުގެ ބިން ހިއްކަވާނެ ކަމަށެވެ. އެ ބިމާއެކު އެއަރޕޯޓްގެ އިތުރުން، ތަރައްޤީގެ އިތުރު ކަންކަން އެރަށަށް ފަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަތިވެރީގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ދެ އަހަރާއި ބައިގެ މުއްދަތުގައި ނިންމަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެއަރޕޯޓް ތަރައްޤީ ކުރެވުމާއެކު، އެއީ އެރަށާއި، އަތޮޅުގެ އިތުރުން މުޅި ސަރަޙައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ކުރިއެރުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޓޫރިޒަމް ޒޯނުން ދޫކޮށްފައިވާ ކާސާމިއާ ބިން މަތިވެރީ ކައުންސިލަށް

މިރޭގެ ޖަލްސާގައި ވަނީ، މަތިވެރިން ޓޫރިޒަމް ޒޯނުން ދޫކޮށްފައިވާ ކާސާމިއާ ބިން މަތިވެރީ ކައުންސިލާ ޙަވާލުކޮށްފައެވެ.

އެތައް އަހަރެއްގެ ދިގު އިންތިޒާރަކަށްފަހު، ކާސާމިއާ ބިން ރަށު ކައުންސިލާ ޙަވާލުކުރުމާއެކު، އެކަމުގެ އުފާވެރިކަން ޖަލްސާގެ ބައިވެރިން ވަރަށް ބޮޑަށް ފާހަގަކުރިއެވެ.

ބިން ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތޯރިގު އިބްރާހީމެވެ. ކައުންސިލްގެ ފަރާތުން ބިމާ ޙަވާލުވެދެއްވީ ކައުންސިލްގެ ރައީސް އަޙްމަދު އަސްލަމެވެ. އަރިހުގައި މަތިވެރި ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޒަރީރު ބައިވެރިވަޑައިގެންނެވިއެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ޒަރީރު ވަނީ 48 ރޫމުގެ އެ ގެސްޓްހައުސް އަލުން ކައުންސިލަށް ލިބުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރުއަދާކުރައްވާފައެވެ.

ޒަރީރު ވިދާޅުވީ ކުރީ ސަރުކާރުން، ލާމަރުކަޒީ ޤާނޫނާ ޚިލާފަށް ކާސާމިއާގެ އެއްބަސްވުން 50 އަހަރަށް ދަންމާލި ކަމަށެވެ. އެކަމުގެ ސަބަބުން މަތިވެރި ކައުންސިލަށް 2.9 މިލިއަން ރުފިޔާގެ ގެއްލުން ވީއިރު ދައުލަތަށް ޖުމްލަ 94 މިލިއަން ރުފިޔާގެ ގެއްލުންވިކަމަށް ޒަރީރު ވިދާޅުވިއެވެ.

މަތިވެރީ ރައްޔިތުންނާ މުޚާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެރަށުގައި މަޑުޖެހިފައި ހުރި ސްކޫލް އަދި ޞިއްޙީ މަރުކަޒުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާނެ ކަމަށެވެ. އަދި، 500 މީހުންގެ ޖާގައިގެން އާ މިސްކިތެއް އެރަށުގައި ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަތިވެރީގެ ތަރައްޤީގައި، އެރަށަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު