ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

މާފަރުފަޅު ފެރިދޫއަށް، ޕިކްނިކް އައިލެންޑް ތަރައްޤީ ކުރާނީ އެ ރަށުގައި: ރައީސް

19 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެރިދޫގައި ވާހަކަފުޅު ދައްކަވަނީ --

އއ. މާފަރުފަޅު، އެ އަތޮޅު ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފި އެވެ.

އެމަނިކުފާނު މިކަން އިޢުލާނު ކުރެއްވީ ފެރިދޫ ރައްޔިތުންްނާއި ބައްދަލުކުރައްވާ މިއަދު ހަވީރު ދެއްކެވި ވާހަކަފުޅުގަ އެވެ. އއ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި ފެރިދޫއަށް ވަޑަައިގެން ބޭއްވެވި ރައްޔިތުންގެ ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާފަރުފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށެވެ.

އަދި އެ ނިންމެވުން ތަންފީޒުކުރައްވާ ލިޔެކިޔުމުން ވަރަށް އަވަހަށް ހަވާލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފެރިދޫ ރައްޔިތުންނަށް ޕިކްނިކް އައިލެންޑް ތަރައްޤީ ކުުރުމުގެ މަސައްކަތް އެ ރަށުގައި ފައްޓަވާނެ ކަމަށެވެ.

މިސްކިތް އަޅާނީ ރައްޔިތުން ބޭނުންވާ ތަނެއްގައި

ފެރިދޫގައި ޒަމާނީ މިސްކިތެއް ބިނާކުރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެވެ. އެ ރަށުގައި ޒަމާނީ މިސްކިތެއް ބިނާކޮށް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފަ އެވެ.

ރައީސް ވިދާޅުވީ މިސްކިތް ބިނާކުރާނެ ތަނަކާމެދު ރައްޔިތުންގެ ޚިޔާލުތަފާތުވުން އެބަ އޮތް ކަމަށެވެ. އެ ގޮތުން މިހާރު ހުރި ތަނުގައި މިސްކިތް އަޅަން ޕެޓިޝަނެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ރައްޔިތުންގެ ތެރެއިން ބަޔަކު ބޭނުން ވަނީ އެ ނޫންތަނެއްގައި މިސްކިތް ބިނާ ކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މިސްކިތް އަޅާނެ ތަނެއް ނިންމަން ރައްޔިތުންގެ ވޯޓެއް އަލުން ނެންގެވުމަށް އެދިވަޑައިގެންފަ އެވެ.

"އެ ވޯޓްގައި ނިންމާ ތަނެއްގައި މިސްކިތް އަޅަން ސަރުކާރުން މިތިބީ ތައްޔާރަށް. އެހެންވީމަ ރައްޔިތުން ނިންމަވާ ލޮކޭޝަންގައި 500 މީހުންގެ ޖާގައިގެ ޒަމާނީ ރީތި މިސްކިތެއް އަޅައިދޭނަން، އަދި މި އަހަރު ފަށާނަން އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.

ފެނާއި ނަރުދަމާގެ ޚިދުމަތް ފެށުން, އިތުރު މަޝްރޫޢުތަކެއް

އއ. ފެރިދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށް މުހިންމު ތިން މަޝްރޫޢުއެއް މިއަދު ވަނީ ފަށައިފަ އެވެ. އެއީ ފެރިދޫގައި ހުންނަ އއ. އަތޮޅު މަދަރުސާގެ ހަތަރު ކުލާސްރޫމާއި މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫޢު އާއި އެ ރަށު ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ޤާއިމުކުރުމާއި ފެރިދޫގައި ދޯނި އެހެލާ ސަރަޙައްދާއި ޕިކްނިކް އައިލެންޑް ތަރައްޤީ ކުރުމުގެ މަޝްރޫއު އެވެ.

އއ. އަތޮޅު މަދަރުސާގެ ހަތަރު ކުލާސްރޫމާއި މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަންއާ އެވެ. ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާއި ދޯނި އެހެލާ ސަރަޙައްދާއި ޕިކްނިކް އައިލެންޑް ތަރައްޤީ ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.

ރައީސް ވަނީ އެ މަސައްކަތްތައް ކުރިއަށް ގެންދަވަން ނިންމަވާފައިވާ ގޮތާއި އެ މަސައްކަތްތަކާއި ގުޅޭ ގިނަ ތަފްސީލުތަކެއް ހިއްސާ ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު