ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުޞޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލައިފި

19 އޯގަސްޓު 2025

|

މުޙައްމަދު އަދުހަމް

ރައީސުލްޖުމްހޫރިއްޔާ، "މީޑިއާ ފެންޑާ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުޞޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލައިފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް މީޑިއާތަކާއި ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުން އިންސައްތައެއް އެކަށައަޅުއްވައި މީޑިއާތަކަށް ހަމަޖެއްސެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން އެކުލަވާލެއްވި އުޞޫލެކެވެ. އެގޮތުން، މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުޞޫލު މިއަދު ވަނީ ސަރުކާރު ގެޒެޓުގައި އާންމުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އިންތިޤާލީ މަރްޙަލާގައި، ރާއްޖޭގެ ހުރިހާ މީޑިއާ ތަކާއެކު "މީޑިއާ ގުންޒަރު"ގެ ނަމުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި އެ މަނިކުފާނު ވަނީ މީޑިއާގެ ކަންކަން ގެންދާނެގޮތުގެ ޚިޔާލު ހޯއްދަވައި، މީޑިއާތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން މީޑިއާތަކަށް ދެއްވައިފައެވެ.

އެގޮތުން، އެ ރޭ އެމަނިކުފާނު ވަނީ މީޑިއާތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭންގެ ތެރެއިން މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށް ދައުލަތުގެ ބަޖެޓުން އިންސައްތައެއް ކަނޑައަޅުއްވައި، އެ މިންވަރު މީޑިއާތަކަށް ހަމަޖެއްސެވުމުގައި ދެފުށްފެންނަ، ޒިންމާދާރު އުޞޫލެއް އެކުލަވާލައްވާނެކަން އިޢުލާންކުރައްވާފައެވެ.

އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތްވާގޮތުގެ މަތީން، މިއަދު ގެޒެޓުކުރެވުނު މި އުޞޫލުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އެންމެހާ އުޞޫލުތަކާއި މިންގަނޑުތައް ވަނީ ބަޔާންކޮށްފައެވެ.

މި އުޞޫލާއެކު، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ދިނުމަށް ނިންމަވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި ގޮތަށް، މިއަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި، ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާ އަދި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމަނައި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 (ސުމެއް ޕޮއިންޓު އެކެއް) އިންސައްތައަށް ވާ މިންވަރަށް ފައިސާ ދޫކުރަން ކަނޑައަޅާފައިވެއެވެ.

މިއާއެކު ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޫކުރާ ފައިސާ ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުޞަޠު ދެފުށްފެންނަ، ޒިންމާދާރު އުޞޫލެއްގެ ތެރެއިން ފުރަތަމަ ފަހަރަށް ހުޅުވިގެން ދާނެއެވެ.

ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިންނާއި މައުލޫމާތު ލިބިގަތުމުގައި ހުރި ފަސޭހަތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅު ތެރޭގައި ހިމެނޭ މުހިއްމު އެއް ސިޔާސަތެވެ.

އަދުގެ ސަރުކާރުން ދަނީ މީޑިއާތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން ފަހިކޮށްދެއްވުމަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެއިތުރުން، މީޑިއާތައް ބާރުވެރިކުރުމަށާއި، ނޫސްވެރިންނަށް ތަމްރީނުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު