ENGLISH
05 ސެޕްޓެމްބަރު 2025
ފެރިދޫއަށް އުފާވެރި ދުވަހެއް، ތިން މަޝްރޫޢުއެއް ފަށާ ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާޙު ކޮށްފި
19 އޯގަސްޓު 2025
|
ފެރިދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކުރުން --
އއ. ފެރިދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށް މުހިންމު ތިން މަޝްރޫޢުއެއް މިއަދު ފަށައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, އއ އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ގައި ފެރިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި ވަނީ އެ ރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްފަ އެވެ.
އަދި މުހިންމު ތިން މަޝްރޫޢުއެއް ވަނީ ފަށާފަ އެވެ. އެއީ ފެރިދޫގައި ހުންނަ އއ އަތޮޅު މަދަރުސާގެ ހަތަރު ކުލާސްރޫމާއި މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫޢު އާއި އެ ރަށު ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ޤާއިމުކުރުމާއި ފެރިދޫގައި ދޯނި އެހެލާ ސަރަޙައްދާއި ޕިކްނިކް އައިލެންޑް ތަރައްޤީ ކުރުމުގެ މަޝްރޫއު އެވެ.
އއ އަތޮޅު މަދަރުސާގެ ހަތަރު ކުލާސްރޫމާއި މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަންއާ އެވެ. ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާއި ދޯނި އެހެލާ ސަރަޙައްދާއި ޕިކްނިކް އައިލެންޑް ތަރައްޤީ ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.
ހަތަރު ކުލާސްރޫމާއި މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫއު ގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު އެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެެކްޓަރު އިބްރާހިމް ރައްޒާން އެވެ.
ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތު އެއްބަސްވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ސޮއިކުރެއްވިއިރު އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑީސީޕީ އަހްމަދު ސަޢުދީ އެވެ.
ދޯނި އެހެލާ ސަރަޙައްދާއި ޕިކްނިކް އައިލެންޑް ތަރައްޤީ ކުރުމުގެ މަޝްރޫއުގައި ކޮންސްޓަރްކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑީސީޕީ އަހްމަދު ސަޢުދީ އެވެ.