ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

ރާއްޖޭގައި އުޅޭ ޗައިނާ މީހުންނަށް ބޮޑު ސްކޭމެއް، މިހާތަނަށް 2.9 މިލިއަން ފޭރިގެންފި

19 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ހިންގާ އައު ބާވަތެއްގެ މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލަތަކުގައި މިހާތަނަށް 2.9 މިލިއަން ދިވެހި ރުފިޔާގެ މާލީ ގެއްލުން ވަނީ ވެފަ އެވެ. މަކަރާއި ހީލަތުގެ މި އަމަލު ހިންގަނީ ކްރިޕްޓޯކަރަންސީގެ މުޢާމަލާތްތަކުގެ ތެރެއިން، އޮޅުވާލައިގެން ކަމަށާ މިގޮތަށް މަކަރާއި ހީލަތް ހަދާ ފަރާތްތަކުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ޗައިނާގެ ރައްޔިތުންނަށް ކަމަށް ފުލުހުން ބުންޏެވެ.

މަކަރާއި ހީލަތުގެ މި އަމަލު ހިންގުމުގައި މަކަރުވެރިން އަމަލުކުރާ ގޮތް ވެސް ފުލުހުން ވަނީ ސާފުކޮށްދީފަ އެވެ.

އެގޮތުން އެންމެ ފުރަތަމަ މަކަރުވެރިން ގުޅަނީ ދިވެހިރާއްޖޭގައި ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތްތަކާ ކަމަށާ ޚާއްސަގޮތެއްގައި ޓެދަރ (ޔޫއެސްޑީޓީ) ގަނެވިއްކާ ފަރާތްތައް ކަމަށް ފުލުހުން ބުނެ އެވެ. އަދި މަކަރުވެރިން، ޔޫއެސްޑީޓީ ވިއްކާ ފަރާތަށް އޮޅުވާލައި، ރަނގަޅު ރޭޓެއްގައި ބޭރު ފައިސާ (ޗައިނީޒް ޔުއާން) ގަނެވިއްކުމުގެ މުޢާމަލާތެއް ހިންގަން ހުށަހަޅާ ކަމަށާ މި މަރުހަލާގައި މަކަރުވެރިޔާ ވިއްކާ ފަރާތަށް ހުށަހަޅަނީ ފައިސާ ޓްރާންސްފަރ ކުރުމަށް ވަކި ޑިޖިޓަލް ވޮލެޓް އެޑްރެހެއް ކަމަށާ މިއީ މުޅި މި މަކަރުވެރި އަމަލުގެ ފެށުން ކަމަށް ފުލުހުން ބުންޏެވެ.

"... އެއާއެކު، މަކަރުވެރިޔާ ހަމަޖައްސަނީ ދިވެހި ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ގެންގުޅޭ ބޭރު ގައުމެއްގެ މީހަކު ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތާ ބައްދަލުކުރުމަށެވެ. ބޭރު ގައުމުގެ މީހާ މި މުއާމަލާތުގައި ބައިވެރިވަނީ އޭނާގެ އަތުގައިވާ ދިވެހި ރުފިޔާ ބަދަލުކުރެވެނީ އޭނާގެ ބޭންކް އެކައުންޓަށް ޖަމާކުރެވޭނެ ބޭރު ފައިސާއަކަށް ކަމަށް ގަބޫލުކޮށްގެންނެވެ. ދެ ފަރާތް ބައްދަލުވުމުން، ބޭރު ގައުމުގެ މީހާ ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތަށް ނަގުދު ފައިސާ ހަވާލުކުރެއެވެ. ފައިސާ ގުނައި ޗެކްކުރުމަށްފަހު، ވިއްކާ ފަރާތުން އެއާ އެއްވަރުގެ ޔޫއެސްޑީޓީ މަކަރުވެރިޔާ ދީފައިވާ ވޮލެޓް އެޑްރެހަށް ޓްރާންސްފަރ ކުރެއެވެ,"

ނަމަވެސް، ޓްރާންސްފަރ ކުރުމަށްފަހު، ބޭރު ގައުމުގެ މީހާގެ ބޭންކް އެކައުންޓަށް އެއްވެސް ފައިސާ ޖަމާނުކުރާ ކަމަށާ ކްރިޕްޓޯކަރަންސީ ޖަމާވަނީ މަކަރުވެރިޔާގެ ވޮލެޓަށް ކަމުން ޔޫއެސްޑީޓީ ވިއްކާ ފަރާތާއި ބޭރު ގައުމުގެ މީހާ ދެމެދު ހިލާފު އުފެދޭ ކަމަށެވެ. ޔޫއެސްޑީޓީ ބޭރު ގައުމުގެ މީހާއަށް ނުލިބުމުން ދެފަރާތުން އެކަކު އަނެކަކަށް މަކަރާއި ހީލަތުގެ ތުހުމަތުކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅަނީ މިހާ ހިސާބުން ކަމަށް ފުލުހުން ބުންޏެވެ.

ކްރިޕްޓޯކަރަންސީ ނުވަތަ ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތަކުގައި ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި މީހަކާއެކު މާލީ މުއާމަލާތެއް ކުރާނަމަ، އެމީހަކީ ކާކުކަން އަބަދުވެސް ކަށަވަރު ކުރުމަށާއި ގަންނަ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ ގުޅުވައިދޭން މަސައްކަތްކުރާ ނުދަންނަ، ތިންވަނަ ފަރާތްތަކަށް އިތުބާރު ނުކުރުމަށާއި ތިމާ ގާތުގައި ނެތް، ނުދަންނަ އެހެން މީހެއްގެ އެކައުންޓަކަށް ނުވަތަ ވޮލެޓްތަކަށް ފައިސާ ނުވަތަ ކްރިޕްޓޯކަރަންސީ ފޮނުވުމަށް އެއްބަސްނުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މިފަދަ ހުށަހެޅުމެއް މީހަކު ހުށަހަޅައިފިނަމަ، ނުވަތަ މާލީ މުއާމަލާތެއް ހިންގުމުގައި ޝައްކެއް އުފެދިއްޖެނަމަ، ނުވަތަ މިފަދަ މަކަރުވެރި އަމަލެއްގެ ޝިކާރައަކަށް ވެއްޖެކަމަށް ގަބޫލުކުރެވޭނަމަ، ލަސްނުކޮށް އެކަން ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓަލައިން 3322111 ނުވަތަ ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރ 911 އަށް ގުޅާ ހިއްސާކުރުމަށް ވެސް ވަނީ އެދިފަ އެވެ.

މި މައްސަލަތައް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަހުޤީޤު ކުރަމުން ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު