ENGLISH
07 ސެޕްޓެމްބަރު 2025
ކުށް ހިންގާ ސަރަޙައްދުތަކުގައި ކުޑަކުދީންގެ ގުރޫޕްތައް އެއްވެ ތިބޭ މިންވަރު ދަނީ އިތުރުވަމުން: ފުލުހުން
19 އޯގަސްޓު 2025
|
ފުލުހުންގެ ސްޕެޝަލް ފޯސް މަގުމަތީ ހަރަކާތްތެރިވަނީ -- ފޮޓޯ: އެޑިޝަން
ކުށް ހިންގާ ކަމަށް ފާހަގަކުރެވޭ ބައެއް ސަރަހައްދުތަކުގައި އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުދިންގެ ގްރޫޕްތައް އެއްވެ ތިބޭ މިންވަރު އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ ދިވެހި ފުލުހުންގެ ޚިދުމަތުން ދުވަހުން ދުވަހަށް ކުރެވޭ އާންމު ޕެޓްރޯލިން އާއި އެ ޚިދުމަތުގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުން ކުށް ހިންގާ ކަމަށް ފާހަގަކުރެވޭ ބައެއް ސަރަހައްދުތަކުގައި އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުދިންގެ ގްރޫޕްތައް އެއްވެ ތިބޭ މިންވަރު އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ކުށުގެ މާހައުލުތަކަށް ކުޑަކުދިން ހުށަހެޅުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާ މިކަމުގެ ސަބަބުން ކުޑަކުދިން ގުރޫމިންގެ ޝިކާރައަކަށްވެ، ރައްކާތެރިނޫން ހާލަތްތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އިތުރުވެ، ޤާނޫނާ ޚިލާފަށް އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރު ލިބި، މައިންބަފައިންނާ ނުރުހުންވެ ފިލައިގެން ގެއިން ނުކުމެ، މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅި، އަދި އެހެނިހެން ޤާނޫނާ ޚިލާފު އަމަލުތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެގެންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިފަދަ ކަންކަމަށް މައިންބަފައިންނާއި ބެލެނިވެރިން އިތުރަށް ސަމާލުވެ، ކުދިން ހަރަކާތްތެރިވާ ތަންތަން ބެލުމަށާއި، އަދި ރައްކާތެރިކަމާއި ޒިންމާދާރު އުޅުމާ ބެހޭގޮތުން އެ ކުދިންނާއެކު ވާހަކަދައްކައި މަޝްވަރާތައް ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ފުލުހުން މި ސަރަޙައްދުތަކަށް އަމާޒުކޮށް ސްޕޮޓް ޗެކް ކުރުމާއި، ދުވަހުން ދުވަހަށް ކުރާ ޕެޓްރޯލިންގެ ތެރެއިން ގާތުން މޮނިޓަރކޮށް ބަލަހައްޓަމުން ގެންދާނެ ކަމަށްވެސް ބުންޏެވެ. އަދި ކުޑަ ކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި މައިންބަފައިންނާއި، ތައުލީމީ ވުޒާރާ އާއި އަދި ދައުލަތާއި މުޖުތަމައުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.
ކުޑަ ކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކޮށް، އެ ކުދިންނަކީ ޒިންމާދާރު، ހެޔޮލަފާ، ޚުލްގުހެޔޮ ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރެދެއްވުމަށްޓަކައި، މައިންބަފައިންނާއި ބެލެނިވެރިންގެ އިތުރުން، ކަމާގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުން ވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމަށް ފުލުހުން ވަނީ ގޮވާލާފަ އެވެ.