ENGLISH
07 ސެޕްޓެމްބަރު 2025
މާޅޮހު ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް މިއަހަރު ފަށާނެ: ރައީސް
19 އޯގަސްޓު 2025
|
މާޅޮހު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
އއ. މާޅޮހު ޞިއްހީ މަރުކަޒު ތަރައްގީ ކުރުމަށް މުޅިން އައު އިމާރާތެއްގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި، ދަތުރުފުޅުގައި އެ އަތޮޅު މާޅޮހަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މާޅޮހުގެ ސިއްހީ މަރުކަޒުގައި ބަލިމީހުންނަށް ޚިދުމަތްދެމުންދާ އިމާރާތަކީ ވަރަށް ދުވަސްވެ ވީރާނާވެފައިވާ އިމާރާތެކެވެ. އެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި ޞިއްހީ މަރުކަޒު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ. އެ މަޝްރޫއު ކުރިއަށްދާއިރު ރައީސް ވިދާޅުވި ގޮތުގައި ލެބޯޓްރީގެ ޚިދުމަތް ވެސް ފުރިހަމަވެގެންދާނެ އެވެ.
މާޅޮހު މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެވިގެންދިޔައިރު އެކަން ފާހަގަކުރައްވަމުން ރައީސް ވަނީ ރަށުގެ މަގުހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ ރަށުގެ ލޯކަލް ޓޫރިޒަމްގެ ކުރިއެރުމާއި ތަރައްގީގެ ބޭނުންތަކަށް ބައްލަވައިގެން ކަމަށާއި އަދި، ރައްޔިތުން އެދިވަޑައިގަންނަވާގޮތަކަށް މަޝްރޫއު ނިންމަވައިދެއްވާނެކަމަށް ވިދާޅުވެފަ އެވެ.
މީގެއިތުރުން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން ރަށުގައި ލޯކަލް ޓޫރިޒަމްގެ މަސައްކަތް ކުރާފަރާތްތަކާއި ރައްޔިތުންނަށް ބޭނުންހިފޭގޮތަށް، ރައްޔިތުންނަށް ބޭނުންކުރެވޭނެ ބީޗް ސަރަހައްދަކާއި ޓޫރިސްޓް ބީޗް ސަރަހައްދެއް ހިމެނޭގޮތަށް، ގޮނޑުދޮށް ހިމާޔަތްކުރެވޭނެ މަޝްރޫއެއް ކުރިއަށްގެންދަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވަނީ ވަނީ މާޅޮހުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮޮށްދެއްވާފައެވެ.