ENGLISH
07 ސެޕްޓެމްބަރު 2025
ދައުލަތުގެ ވަޒީފާތަކުގައި 75 އަހަރު ފުރެންދެން ތިބެވޭނެ މަގުފަހިކުރަން ބިލެއް ހުށަހަޅައިފި
19 އޯގަސްޓު 2025
|
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: މަޖިލިސް
ދައުލަތުގެ މުވައްޒަފުންގެ ތެރެއިން އުމުރުން 65 އަހަރު ފުރޭ މީހުންގެ ތެރެއިން ވަޒީފާގައި ދެމިތިބެން ބޭނުންވާ މީހުންނަށް އުމުރުން 75 އަހަރު ފުރެންދެން ވަޒީފާގައި ތިބެވޭނެ މަގުފަހިކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ހަނާން ރަޝީދު ހުށަހެޅުއްވި ބިލުގެ މަގުސަދަކީ، ދައުލަތުގެ ވަޒީފާތަަކުގައި ތިބޭ މީހުންގެ ތެރެއިން އުމުރުން 65 އަހަރު ފުރޭ މީހުންނަށް ބޭނުންވާ ހާލަތުގައި ވަޒީފާގައި ދެމިތިބެވޭނެ މަގުފަހިކޮށް، ރީ-އެމްޕްލޯއިމެންޓުގެ އުސޫލުން ވަޒީފާގައި ތިބެވޭނީ ކިހިނެއްކަން ބަޔާންކޮށް، އެ އުސޫލުން ވަޒީފާ ހަމަޖެއްސުމުގައި އަމަލުކުރާނެ އިޖުރާއާތުތައް ބަޔާންކުރުމެވެ.
އެ ގާނޫނުގައި ބުނެފައިވާ ގޮތުން އުމުރުން 65 އަހަރު ފުރުމަށްފަހު ވަޒީފާގައި ހުންނަން އެދޭ މީހުން އެމީހުންނަަށް 75 އަހަރު ފުރުމުގެ ހަ މަސްދުވަސް ކުރިން ވަޒީފާގައި ތިބެން ބޭނުންވާކަން އަންގަންޖެހޭނެއެވެ.
އޭގެ އިތުރަށް ބިލު ފާސްވެ ތަސްދީގުކުރެވި އަމަލުކުރަން ފެށުމުގެ 7 އަހަރުކުރިން 65 އަހަރުވެ ވަޒީފާއިން ރިޓަޔާކޮށްފައިވަ މީހުންނަށްވެސް ރީ-އެމްޕްލޯއިމެންޓު އުސޫލުން ވަޒީފާއަށް ނުކުތުމުގެ ފުުރުސަަތު ބިލުގައި ފޯރުކޮށްދެއެވެ. އެފަދަ ފަރާތްތަކުން ރީ-އެމްޕްލޯއިމެންޓު އުސޫލުން އަލުން ވަޒީފާއަށް ނުކުތުމަށް އެދެން ހުށަހަޅަން ލިބޭނީ ގާނޫނު ތަސްދީގުކުރާ މުހުލަތުން ފެށިގެން ހަތަރު މަސްދުވަހުގެ މުއްދަތެކެވެ.
މި ބިލުގައި ބަޔާންކުރާ ގޮތުން ރީ-އެމްޕްލޯއިމެންޓުގެ އުސޫލުން ވަޒީފާ ހަމަޖައްސައިދޭނީ އަހަރުން އަހަރަށް އާކުރަންޖެހޭ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އުސޫލުން ވަޒީފާ ހަމަޖައްސާއިރު ރިޓަޔާކުރުން ލާޒިމުވާ އުމުރު ހަމަވިއިރު އެމީހަކު ހުރި މަގާމު ނުވަތަ އެހެން މަގާމަކަށްވެސް އެމީހަކު ހަމަޖެއްސުމުގެ އިހުތިޔާރު އޮންނާނެއެވެ.
އަދި މިގޮތަށް ރީ-އެމްޕްލޯއިމެންޓު އުސޫލުން ވަޒީފާ ހަމަޖައްސާ ފަރާތްތަކަށް ދޭނެ މުސާރައާއި އިނާޔަތްތައް ކަނޑައަޅަނީ ނޭޝަނަލް ޕޭ ކޮމިޝަަނުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށެވެ. އެ އުސޫލުގެ ދަށުން ވަޒީފާ ދޭ ފަރާތްތަކަށް 65 އަހަރުވުމުން ލިބޭ އިނާޔަތެއް ނުލިބޭނެއެވެ.
މި ބިލުގައި ދައުލަތުގެ ބައެއް މުވައްޒަފުން އިސްތިސްނާކޮށްފައިވެއެވެ. އެގޮތުން ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންނާއި ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ދަށުން އައްޔަންކުރެވޭ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މައްޗަށް މި ގާނޫނު ނުހިނގާނެއެވެ.