ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

ހިމަންދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފަށައި، ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

19 އޯގަސްޓު 2025

|

ޢަލީ ޝަހީމް

ހިމަންދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އއ. ހިމަންދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި، އެރަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގައި ބިންގާއަޅުއްވައިދެއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ނިންމި، ފެނާއި ނަރުދަމާގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައްޔިތުންނާ ބައްދަލުކުރައްވައި ބޭއްވެވި ރަސްމިއްޔާތުގައެވެ. 

އއ.ހިމަންދޫގެ ފެނާއި ނަރުދަމާ މަޝްރޫޢަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 65.83 މިލިއަން ދިވެހި ރުފިޔާއެވެ. 

ހިމަންދޫގައި ފެނާއި ނަރުދަމާގެ މަޝްރޫޢު ނިންމާލިއިރު، 6.35 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ވަނީ ގާއިމުކޮށް، ފެސިލިޓީ އިމާރާތް ތަރައްގީކޮށްފައިވެއެވެ. އަދި، ފެން އުފެއްދުމަށް އާރުއޯ ޕްލާންޓް ބަހައްޓައި، ފެންރައްކާކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. މި މަސައްކަތުގެ ދަށުން ގޭގޭގައި ފެންމީޓަރު ބަހައްޓައި ފެނުގެ ޚިދުމަތް މިހާރު ވަނީ ގުޅައިފައެވެ. 

މި މަޝްރޫޢުގެ ދަށުން، ހިމަންދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ޤާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯރކް އާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. މީގެ އިތުރުން، ފެންރައްކައު ކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ނަރުދަމާގެ ޕަންޕިންގ ސްޓޭޝަންތައް ވެސް ވަނީ ޤާއިމްކޮށްފައެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާ ގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. އަދި ހަމަ މިއާއި އެކު، ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް މި މަޝްރޫޢުގެ ފޯރުކޮށްދިފައިވާނެކަމަށް އެމްޑަބްލިއެސްސީއިން ބުނެފައިވެއެވެ. 

ހިމަންދޫގައި ގާއިމުކުރާ ފުލުހުންގެ މަޒުކަޒުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާންއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެރަށުގައި އަޅާނީ ފުލުހުންގެ ޕޯސްޓަކަށްވުރެ ފުޅާކޮށް ޚިދުމަތްދެވޭ ފުލުހުންގެ މަރުކަޒެއް ކަމަށެވެ. 


ކިޔުންތެރިންގެ ހިޔާލު