ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

ރަށްރަށަށް ދަތުރުކޮށް ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ ނަތީޖާ ވަރަށް ރަނގަޅު: ރައީސް

19 އޯގަސްޓު 2025

|

ޢަލީ ޝަހީމް

އއ. ހިމަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ރަށްރަށަށް ވަޑައިގެން ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ފުރަތަމަ މަންޒިލްގެ ގޮތުގައި އއ. ހިމަންދޫއަށް މިއަދު ހެނދުނު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރަށްރަށަށް ދަތުރުކުރައްވަނީ ރައްޔިތުން ބޭނުންވާ ކަންކަން އެއްބައްދަލުވުމަކުން އަޑުއައްސަވައި ކަންކަން ހައްލުކުރައްވަން ބޭނުންފުޅުވާތީ ކަމަށެވެ. ދަތުރުތައް ކުރައްވަނީ އެރަށެއްގައި މަޝްރޫޢުތައް ހިންގަވާ ބޭފުޅުންނާއި އެކު ކަމަށާއި، އޭގެ ނަތީޖާއަކީ މާލެ ނުގޮސް ކަންކަން ކުރުމުގެ ބާރު ރައްޔިތުންނަށް ލިބުންކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

ރަށްރަށުގައި މީގެކުރިން އޮތީ، ރަށުން މާލެ ގޮސް ބައްދަލުވުންތައް ބާއްވަން މަސައްކަތްކޮށް، ކަންކަން ދިގުލައިގެން ދިއުމުގެ އާދައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑު މި މަސައްކަތްކުރާ ގޮތަކީ މިކަމާ ގުޅޭ ހުރިހާ އެންމެން އެއްކޮށް ގެނެސް އެއް ބައްދަލުވުމެއްގައި މިދެންނެވި ހުރިހާ މުއައްސަސާތަކުގެ ވެރީންނާ އެކީގަ ހުރިހާ ކައުންސިލަރުން، ޑަބްލިއުޑީސީ، ހުރިހާ ބޭފުޅުންނާ އެކީގަ އެއްބައްދަލުވުމެއް ބާއްވައި އެބައްދަލުވުމުން އެ ހުރިހާ މުއައްސަސާއަކުން ދައްކަން ހުރި ހުރިހާ ވާހަކައެއް ދައްކަން އަޅުގަނޑު ފުރުސަތުދެން" ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށްރަށަށް ވަޑައިގެން ބައްދަލުކުރައްވައި ކަންކަމުގެ މަޝްވަރާކުރުމުގެ ފައިދާ ވަނީ ރައްޔިތުންނަށް ކަމަށެވެ. އަދި، ރައްޔިތުންނަށް ޖަވާބުދާރީވުމުގައި ރައްޔިތުންނަށް ފަސޭހަތަކެއް ވެގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑު ބޭނުންވަނީ މިހާ ގާތުން ސަރުކާރުން މަސައްކަތްކުރަން. އަމަލީ ގޮތުން ގާތުން ހަމަ ހަގީގީ މާނައިގަ މަސައްކަތްކުރަން. އެހެންވީމަ މިގޮތަށް މިކަން ކުރަނީ. އޭގެން އަޅުގަނޑަށް ހިތްހަމަޖެހުން ލިބޭ. ރައްޔިތުންނަށް ހިތްހަމަޖެހުން ލިބޭ. ރަށްރަށުގެ މުއައްސަސާތައް ހިންގަން ތިބި ފަރާތްތަކަށް ހިތްހަމަޖެހުން އެބަ ލިބިގެންދޭ. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު. އަޅުގަނޑުމެން މިގޮތަށް މަސައްކަތްކުރީމާ ތިބޭފުޅުންނަށް ލިބޭނީ ހިތްހަމަޖެހުން. އެހެންވީމަ މިގޮތަށް މި ދަތުރުތައް މި ކުރަނީ މިބޭނުމުގަ" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ފަލްސަފާއަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުން ކަމަށެވެ. ތާވަލުކޮށްގެން ރަށްރަށަށް ވަޑައިގަންނަވަނީ އެހެންވެ ކަމަށާއި، އެކަމުގެ ނަތީޖާ ރަނގަޅުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހިމަންދޫގެ މަޝްރޫއުތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެރަށުގައި ހުއްޓިފައި ހުރި ސްކޫލް އިމާރާތުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމައި ހުޅުވަން މަސައްކަތްކުރައްވާނެ ކަމަށެވެ. އޭރުން އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭއިރު އެ އިމާރާތުގެ ބޭނުންހިފޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެރަށުގައި ސަރުކާރުން އަޅަމުންގެންދާ މިސްކިތުގެ ބޮޑުބައެއް ނިމިފައިވާއިރު، މިއަހަރު ނިމުމުގެ ކުރިން މިސްކިތް ބޭނުންކުރަން ފެށޭވަރުކުރަން މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހިމަންދޫގެ ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރިނަމަވެސް، ފުރިހަމަ ލެބޯޓްރީއެއްގެ ހިދުމަތް އަދިވެސް އެރަށް ބޭނުންވާ ކަމަށާއި، ލެބޯޓްރީގެ މަސައްކަތް ފުޅާކޮށް، މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ހިމަންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަށްގިރުމުގެ މައްސަލަކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޮޑުހިލަ ޖެހުމުގެ މަޝްރޫއާއެކު ރަށްގިރުމުގެ މައްސަލަ އަދި ރައްޔިތުންގެ ކަންބޮޑުވުން އޮތް އެރަށުގެ ނެރުގެ މައްސަލަ ހައްލުކުރެވިގެންދާނެ ކަމަށެވެ.

ކުޅިވަރުގެ ދާއިރާއިން އެރަށުގައި މިހާރު ތަރައްގީކޮށްފައިވާ ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކުރުމާއި، އެރަށުގައި ހަދަން ފަށާފައި ހުރި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށްގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެރަށުގައި މިއަހަރު ހޭންޑްބޯޅަ ކޯޓެއް ތަރައްގީކުރަން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަނގަޅުކޮށް މަގުތައް ހަދާނީ ރައްޔިތުންގެ ހިޔާލާއެކު ރައްޔިތުން ބޭނުންވާގޮތަށް ކަމަށެވެ. އަދި، އެރަށުގައި ގާއިމްކުރާ ފުލުހުންގެ މަރުކަޒު ވާނީ ޕޮލިސް ޕޯސްޓަކަށްވުރެ ފުޅާކޮށް ކުރެވޭ މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު