ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

ގައުމުގެ މައްސަލަތައް ހައްލުކުރަން މީޑިއާ އިސްލާހުވާން ޖެހޭ: ނާޒިމް

19 އޯގަސްޓު 2025

|

އުމްނާ އިސްމާޢީލް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް

ކޮރަޕްޝަން ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމަށްޓަކައި މީޑިއާތައް އިސްލާހުވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އުވާލައި އާ ކޮމިޝަނެއް އުފައްދަން ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވަމުންނެވެ.

މިހާރު ހުށަހެޅިފައިވާ ބިލަކީ، ދިއްގަރު ދާއިރާ ތަމްސީލުކުރައްވާ ނާޒިމް ގަބޫލުކުރައްވާ ގޮތުގައި، ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތަށް އެކުލަވާލެވިފައިވާ ބިލެކެވެ. އޭނާ ވިދާޅުވި ގޮތުގައި މި ބިލު، ފިންލެންޑް އަދި ސްވީޑްންގެ 'އެކްޓް އޮން އިލެކްޓްރޯނިކް ކޮމިއުނިކޭޝަން ސާވިސްގެ ބިލް' އާއި އީޔޫ އިން ގެންގުޅޭ ހަމަތަކަށް ވެސް ފެތެއެވެ.

ނާޒިމް ވިދާޅުވީ މި ފަދަ ބިލެއް ހުށަހެޅުމުން، ރާއްޖޭގައި މިހާރު މީޑިއާގެ ކަންކަން ހިންގަނީ އެންމެ ރަނގަޅަށްތޯ ވިސްނާލުމަކީ ބުއްދިވެރިކަމެއް ކަމަށެވެ. މެމްބަރުގެ ނަޒަރުގައި މިހާރު މީޑިއާތަކުން ދަނީ، "އެއްވެސް ހިފެހެއްޓުމެއް ނެތި، އިމެއް ނެތި"  މީހުންގެ އަބުރަށް އަރައިގަންނަމުންނެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ވެސް މަސްލަހަތު ގެެއްލޭގޮތަށް މީޑިއާތަކުން ހަރަކާތްތެރިވެފައިވާކަމަށް ވިދާޅުވެ އޭނާ ވަނީ އެއަށް ވުރެ ހަރުދަނާކޮށް މީޑިއާ ރެގިއުލޭޓްކުރެވޭނެ ގޮތެއް ހޯދަން ޖެހޭކަން ފާހަގަކުރައްވާފަ އެވެ. ނާޒިމް ގަބޫލުކުރައްވާ ގޮތުގައި މި ބިލުން މި ލިބެނީ އެ ފުރުސަތެވެ.  

"މި ބިލާ ގުޅޭގޮތުން އަޅުގަނޑަށް އެންމެ ފުރަތަމަ މީޑިއާއިން ފެނުނު ސުރުހީގައި ވެސް އޮތީ ހަމަ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް. ސަބަބަކީ މިހާރު މިއޮތް ކޮމިޝަންގެ ބަދަލުގައި އުފަންކުރަން ހުށަހަޅާ ކޮމިޝަނަކީ 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެއް. އެ 7 މެމްބަރުންްގެ ތެރެއިން 3 މެމްބަރުން މިއޮތީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ގޮތަށް، އަނެއް 4 އިލެކްޝަންސް ކޮމިޝަން މެދުވެރިވެގެން މީޑިއާތަކުން އައްޔަނުކުރާ 4 މެމްބަރުން. އެހެންވީމާ ކޮމިޝަންގެ ރިޔާސަތުގައި ކޮންމެ ބޭފުޅަކު އިންނެވި ނަމަވެސް، 4-2 ގެ މެޖޯރިޓީއެއް ހަމަގައިމުވެސް މީޑިއާތަކަށް އޮންނާނެ،" ނާޒިމް ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި ހިންްގަމުންދާ މީޑިއާތައް ނާޒިމް ސިފަކުރެއްވީ ފައިސާ ދޭ ގޮތަކަށް ސުރުހީ ޖަހައިދޭ "ޗެކްބުކް މީޑިއާ"ތަކެއްގެ ގޮތުގަ އެވެ. މީޑިއާއަކީ ވަކި ބައެއްގެ އަތް ދަށުގައި ނުވަތަ ފައިސާވެރިންގެ ނުފޫޒުގައި އޮންނަ އެއްޗަކަށް ވެގެންނުވާނެކަން ފާހަގަކުރައްވަމުން މެމްބަރު ވިދާޅުވީ ޒިންމާދާރު ނޫސްވެރިންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ، މިނިވަން މީޑިއާއެއް އޮތުމާއި އެކު، ލިބޭ އާމްދަނީން "އަމިއްލަ ފައިމައްޗަށް ތެދުވެވޭ" ގޮތެއް އޮތުން ކަމަށެވެ.

"އަބަދު އަބަދު އެ ވެރިކަމަށް އަންނަ ސަރުކާރެއް ފަހަތުގައި ސަރުކާރުންދޭ އެއްޗެއް ބަލައިގެންް ސަރުކާރަކުން ބޭނުންވާ ގޮތަކަށް އެއްޗެހި ލިޔެގެން އެހެން ކަންތައް ކުރާނަމަ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި ނޫސްވެރިކަން ދުވަހަކުވެސް ކުރިއަކަށް ނާރާނެ،" ނާޒިމް ވިދާޅުވި އެވެ.

ކޮރަޮޕްޝަން ފަދަ ބޮޑެތި ޖިނާއީ މައްސަލަތައް ވެސް ސްޕޮންސަރަކާއި ފުށުއަރާނަމަ، މީޑިއާތަކުން ރިޕޯޓު ނުކުރާ ކަަމަށް ވިދާޅުވި އެވެ. ގައުމުގެ ކަންކަން އިސްލާހުކުރާނަމަ ނާޒިމް ވިދާޅުވި ގޮތުގައި، މީޑިއާ ވެސް އިސްލާހުވާން އެބަޖެހެ އެވެ. އަމިއްލައަށް މީޑިއާތައް ރެގިއުލޭޓް ކުރެވޭނެ ކަމަށް ބުނި ނަމަވެސް، މިއަދާ ހަމަޔަށް ވެސް އެކަން އޮތީ ނުވެ ކަމަށް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، މި ބިލާ މެދު މަސްލަހަތުވެރިންގެ މެދުގައި މަޝްވަރާތައް ބާއްވައި މީޑިއާތަކުގެ ކަންބޮޑުވުންތައް ހުރި ނަމަ، އެ ކަންކަން ވެސް ބަލައިގަންނަން ޖެހޭ ކަމަށެވެ. އަދި އެންމެންނަށް އެއްބަަސްވެވޭ ގޮތަކަށް މި ބިލު އިސްލާހު ކުރެވޭނެ ކަމަށެވެ. އަދި މި ބިލަކީ އަމިއްލަ މެމްބަރަކު ހުށަހެޅުއްވި ބިލަކަށް ވުމުން އެ ފުރުސަތު ވަރަށް ތަނަވަސްކޮށް އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު