ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

އައުޓްޑޯ ޖިމް 71 ރަށެއްގައި ގާއިމުކުރަން އެޗްޑީސީއާ ހަވާލުކޮށްފި

19 އޯގަސްޓު 2025

|

ޢަލީ ޝަހީމް

ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމްތައް ގާއިމުކުރަން އެޗްޑީސީއާއެކު އެއްބަސްވުން. ފޮޓޯ: ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާ.

ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ރަށްރަށުގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، އައުޓްޑޯ ޖިމް 71 ރަށެއްގައި ގާއިމުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފިއެވެ. 

އެއްބަސްވުން ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ ހ. މީރުމާގައެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިއު އެވެ. އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރުއެވެ. 

ސަރުކާރުން އަންނަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތްކުރަމުންނެވެ. ބައެއް ރަށްތަކުގައި އައުޓްޑޯ ޖިމް ގާއިމުކޮށް މިހާރު ވަނީ ހުޅުވާފައެވެ. މިފަހަރު ހަވާލުކުރި 71 ރަށާއެކު ޖުމްލަ 102 ރަށުގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް މިހާރު ވަނީ ހަވާލުކޮށްފައެވެ. 

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނީ މިއަހަރާއި އަންނަ އަހަރު އިތުރު 41 ރަށުގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރެވިގެންދާނެ ކަމަށެވެ. 

ކުޅިވަރާއި ހަށިހެޔޮކަމާ ގުޅުންހުރި މުހިއްމު މަޝްރޫއުތަކެއް ސަރުކާރުން އަންނަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން ރަށްރަށުގެ ފުޓްސަލް ދަނޑުތަކާއި ފުޓްބޯޅަ ދަނޑުތައް ތަރައްގީކުރުމުގެ ގިނަ މަސައްކަތްތަކެއް މިހާރު ވެސް އަންނަނީ ހިނގަމުންނެވެ. 

ކޮންމެ ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމާއި، ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުމަކީވެސް ސަރުކާރުގެ ވައުދެކެވެ.

ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ނިޔަލަށް އެ ހުރިހާ މަޝްރޫއުތަކެއް އަތޮޅުތަކުގައި ނިންމާލުމެވެ. 

ކިޔުންތެރިންގެ ހިޔާލު