ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

ހުރިހާ ސަރަހައްދަކަށް ސްޕީޗު ތެރަޕީގެ ޚިދުމަތް ފުޅާކުރަނީ

18 އޯގަސްޓު 2025

|

އުމްނާ އިސްމާޢީލް

ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ސްޕީޗު ތެރަޕީގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަން ހެލްތު މިނިސްޓްރީން މިއަދު ހާމަކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަނީ ނުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ލިބުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހެލްތު މިނިސްޓްރީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ބޭފުޅުން ހާޒިރުކޮށްފަ އެވެ.

މިހާރުގެ ހާލަތު ކޮމިޓީގެ މެމްބަރުންނަށް ސާފުކޮށްދެއްވަމުން ހެލްތު މިނިސްޓްރީގެ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ ޚިދުމަތްތައް ކުރީގައި ލިބެމުން އައީ ހަމައެކަނި މާލެއިން ނަމަވެސް، އެ ޚިދުމަތްތައް އަތޮޅު ތެރެއަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މިވަގުތު އޮކިއުޕޭޝަނަލް ތެރަޕީ އަތޮޅުތެރެއަށް ދެވެން ނެތް ނަމަވެސް ސްޕީޗު ތެރަޕީގެ ޚިދުމަތް ދެ ތަނެއްގައި ލިބެމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ޕިޒިއޮތެރަޕީގެ ޚިދުމަތް ރާއްޖެގެ 9 ތަނެއް ފިޔަވައި އެހެން ހުރިހާ ތަނަކުން ލިބޭނެ ކަމަށެވެ.

ތަސްލީމާ ވިދާޅުވި ގޮތުގައި ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީގެ ފިޒިއޯތެރަޕީގެ އިތުރުން ސައިކޮލޮޖީގެ ޚިދުމަތްތައް ފުޅާކުރުމަށް މިއަހަރު ރާވާފައިވާ ކަމަށެވެ.

އެގޮތުން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން މިހާރު ނެޝަނަލް ތެރަޕިއުޓިކް ޕްރޮޓޮކޯލްތަކެއް ހަދާފައިވާކަން ފާހަގަކުރައްވަމުން ތަސްލީމާ ވިދާޅުވީ ސިއްހީ ޚިދުމަތްދޭ ފަރާތްތަކާއި ބަލި މީހުންގް އާއިލާއަށް ވެސް ތަމްރީނުތައް ދެމުންދާ ކަމަށެވެ.

ތަސްލީމާ ވިދާޅުވި ގޮތުގައި މިހާރު ސްޕީޗް ތެރަޕީގެ ޚިދުމަތްތައް ރާއްޖޭގެ ދެ ސަރަހައްދަކަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާރު ކުޅުދުއްފުށީ ހޮސްޕިޓަލުން އެ ޚިދުމަތް ލިބޭއިރު ކުރިއަށް އޮތް ތަނުގައި ހއ. އަތޮޅުގެ އިތުރުން ނ. އަތޮޅުގައިވަސީލަތްތައް ތަރައްގީކޮށް، ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

" މިހާރުވެސް ލެވެލް 3 ގައި ސިއްހީ ޚިދުމަތް ދެމުންދާ ތަންތަނުގައި އެ ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖައްސަމުންދަނީ."  އޭނާ ވިދާޅުވި އެވެ.

ލެވެލް 3 ގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން މިހާރު އެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންދަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގަން ހޮސްޕިޓަލުގެ އިތުރުން އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގަ އެވެ. ތަސްލީމާ ވިދާޅުވީ އެ ހޮސްޕިޓަލުގައި އެ ޚިދުމަތް ނުފެށިގެން އުޅެނީ ތެރަޕިސްޓުން ނުލިބިގެން ކަމަށެވެ.

ސްޕީޗް ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުން ހޯދުމަކީ ދަތިކަމެއްްކަން ފާހަގަކުރައްވަމުން ތަސްލީމާ ވިދާޅުވީ، މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެވުނު ނަމަވެސް އެ މަގާމުތަކަށް މީހުން ހޯދުމަށް އަދިވެސް ދަތިކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު