ENGLISH

20 ޖޫން 2026

Advertisement

އެއާފޯސް ވަންގެ ގޮތުގައި ޤަޠަރުން ހަދިޔާކުރި ޖެޓެއް ބޭނުންކުރައްވަން ޓުރަމްޕު ނިންމަވައިފި

20 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ޤަޠަރުން ހަދިޔާކުރި ރަތާއި ނުލާއި ހުނދު ކުލައިން ޖަރީކޮށްފައިވާ ޖަމްބޯ ޖެޓެއް އެއާފޯސް ވަންގެ ގޮތުގައި ބޭނުންކުރައްވަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕު ނިންމަވައިފިއެވެ. އެއާ ފޯސް ވަންއަކީ އެމެރިކާގެ ރައީސުން ރަސްމީ ދަތުރުފުޅުތަކުގައި ބޭނުންކުރައްވާ މަތިންދާބޯޓެވެ. 

ޖޮއިންޓް ބޭސް އެންޑްރޫސްގައި ހުންނަވައިގެން ދެއްވި ތަގުރީރެއްގައި ހުކުރުދުވަހު ޓުރަމްޕު ވިދާޅުވީ އެހެން ގައުމުތަކުގެ ލީޑަރުން މިހާރު ބޭނުންކުރައްވަނީ މިހާރު އެއާފޯސް ވަންގެ ގޮތުގައި ބޭނުންކުރަމުންދާ މަތިންދާބޯޓަށްވުރެ އައު އެއަށްވުރެ ފެންވަރު ރަނގަޅު މަތިންދާބޯޓުތައް ކަމަށެވެ. އަދި އެތައް ދަހަރެއް ކުރީގެ މޮޑެލްއެއްގެ މަތިންދާބޯޓެއްގައި އެމެރިކާގެ ރައީސް ދަތުރުކުރައްވަންޖެހިވަޑައިގަތުމަކީ ޖޯކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. 

އަދި ގަތަރުން ހަދިޔާކުރި މަތިންދާބޯޓު ޒީނަތްތެރިކަން ފާހަގަކުރައްވަމުން ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމްދު އައްޘާނީއަށް ޓުރަމްޕު ޝުކުރު އަދާކުރެއްވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ އައު އެއާފޯސް ވަންގައި ސްޓާލިންކް ބޭނުންކުރެވުމަކީ އީލަން މަސްކަށް ލިބިވަޑައިގަންނަވާނެ އުފާވެރި ހަބަރެއް ކަމަށެވެ. 

"މި މަތިންދާބޯޓަކީ ކުރިން އެކަކުވެސް ތަޖުރިބާނުކުރާ މަތީ ފަންތީގެ ހިދުމަތާއެކު އުދުހޭ ވައިޓް ހައުސްްއަކަށް ބަދަލުކޮށްފައިވާ ބޯޓެއް،" ޓުރަމްޕު ވިދާޅުވިއެވެ. 

މިހާރު އެއާފޯސްވަންގެ ގޮތުގައި ބޭނުންކުރަމުންދާ މަތިންދާބޯޓުގެ ބަދަލުގައި އައު ބޯޓެއް ފޯރުކޮށްދިނުމަށް ބޮއެންއާއެކު އެއްބަސްވުމެއް އޮތަސް އެ މަސައްކަތް ލަސްވަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. ޓުރަމްޕު ވިދާޅުވި ގޮތުގައި މިހާރު ބޭނުންކުރަމުންދާ އެއާ ފޯސްވަން ބޭނުންކުރުން ހުއްޓައިލައްވަނީ 96 ގައުމަކަށް 233 ދަތުރު އެ މަތިންދާބޯޓުގައި އެމެރިކާގެ އެކި ރައީސުން ކުރެއްވުމަށްފަހުއެވެ. ޖުމްލަ 69 މިލިއަން މޭލުގެ ދުރުމިނަށް އެ މަތިންދާބޯޓު ދަތުރުކޮށްފަައިވާކަމަށް ވިދާޅުވިއެވެ. 

އަދި އަންނަ ޖުލައި މަހުގެ 4 ވަނަ ދުވަހު އިނގިރޭސި ވެރިކަމުން އެމެރިކާ މިނިވަންވިތާ 250 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި ގިނަ އަދަދެއްގެ މަތިންދާބޯޓާއެކު ވޮޝިންޓަން މަތިން އައު އެއާފޯސް ވަން ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް ޓުރަމްޕު ވިދާޅުވިއެވެ. 

ޓުރަމްޕު ނިންމަވާފައިވަނީ އޭނާ ވެރިކަމުން ވަކިވެވަޑައިގެން ގާއިމުކުރައްވާ ރިޔާސީ ކުތުބުހާނާގެ މަރުކަޒީ މަގާމުގައި އެއާފޯސް ވަންގެ ގޮތުގައި ބޭނުންކުރި މަތިންދާބޯޓެއް ބޭނުންކުރައްވާށެވެ. 

ޤަޠަރުން ހަދިޔާކުރި 440 މިލިއަން އެމެރިކާ ޑޮލަރުގެ މި މަތިންދާބޯޓު ގަބޫލުކުރެއްވުމަކީ ކޮރަޕްޝަނުގެ އަމަލެއްގެ ގޮތުގައި ޑިމޮކްރެޓިކް ޕާޓީގެ ވެރިން ސިފަކުރައްވައެވެ. ޓުރަމްޕު ވެރިކަމުގެ ދެވަނަ ދައުރު ފެއްޓެވިފަހުން ގަތަރުގެ ދައުލަތުގެ ކުންފުންޏަކާއެކު ޓުރަމްޕުގެ އާއިލީ ކުންފުނިން ވިޔަފާރިކުރަން ފަށާފައިވެއެވެ. 

ޓުރަމްޕު ދިފާއުގައި ވިދާޅުވީ އެކުވެރި ގައުމަކުން ހިލޭ އެމެރިކާގެ ރައީސް ބޭނުންކުރައްވަން މަތިންދާބޯޓެއް ދޭން ނިންމާފައިވަނިކޮށް، އެމެރިކާ ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން މަތިންދާބޯޓެއް ހޯދަންވީ ސަބަބެއް ނެތްކަމަަށެވެ. މިއީ އެމެރިކާ ސަރުކާރުން ކުރަމުންދާ ރަނގަޅު މަސައްކަތް ބަލައިގަންނަކަން ދޭހަކޮށްދިނުމަށް ޤަޠަރުން ދިން ހަދިޔާއެއްކަމަށްވެސް ސިފަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު