ENGLISH
20 ޖޫން 2026
މަސް ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރިން ނިމޭނެ
20 ޖޫން 2026
|
މިފްކޯގައި ގާއިމުކުރަމުންދާ 4،000 ޓަނުގެ މަސް ރައްކާކުރެވޭ ކޯލްޑް ސްޓޮރޭޖު
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ގާބިލުކަން އިތުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން މަސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ ބޮޑު މަޝްރޫއުގެ މަސައްކަތް 2027 ގެ ކުރިން ނިމޭނެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މިހާރު މަސްވެރިންނަށް އެކަށީގެންވާ ރަނގަޅު އަގެއް ލިބުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ އަދަދަކަށް މަސް ރައްކާކުރުމުގެ ގާބިލުކަން ނެތުމެވެ. އޭނާ ވިދާޅުވީ މަސް ރައްކާކުރުމުގެ ގާބިލުކަން ދަށްވުމުގެ ސަބަބުން އެއިރެއްގެ ބާޒާރުގައި މަސް ގަންނަ އަގަކަށް މަސް ވިއްކަން މަޖުބޫރުވާ ކަމަށެވެ. ނަމަވެސް މަސް ރައްކާކުރެވޭ މިންވަރު އިތުރުވުމުން، ބާޒާރުގައި އަގު އުފުލެންދެން މަސް ބޭރުނުކޮށް މަޑުކުރުމަށްފަހު، އަގު މަތިވުމުން ބޮޑު އަގުގައި މަސް ވިއްކުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
"މިހާރު މި ލިބޭ މަސްކޮޅު، އެންމެ އަވަހަށް ގަންނަ ބަޔަކަށް ވިއްކާލަން މަޖުބޫރުވޭ. އެއީ މޫސުމީ މަސްވެރިކަމުގައި އެ ރައްކާކުރެވޭނެ ޖާގައެއް ނެތުން. ނަމަވެސް މި ފެސިލިޓީތަކާއެކު ވާދަވެރިކޮށް، އެންމެ ބޮޑު އަގެއް ދޭ ބަޔަކަށް ވިއްކޭނެ ފުރުޞަތު ލިބޭނެ. މީގެސަބަބުން މަހުގެ އަގަށް ރަނގަޅު ބަދަލެއް އައިސް މަސްވެރިންނަށް ރަނގަޅު އަގެއް ދޭން މަގުފަހިވާނެ.،" ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި މަސް ގަނޑުކޮށް ރައްކާކުރުމުގެ ގާބިލުކަން ހުރި މިންވަރަކީ އެއްފަހަރާ 9،500 ޓަނުގެ މަސް ރައްކާކުރެވޭ މިންވަރެވެ. ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫއުތަކާއެކު، އެ އަދަދު 25،000 ޓަނަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަން މުއްތަލިބު ފާހަގަކުރެއްވިއެވެ.
އެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކުގެ ތެރެއިން ތިނަދޫ ސިޓީގައި ގާއިމުކުރާ 1،000 ޓަނުގެ ގަނޑުކޮށް މަސް ރައްކާކުރާ ފެސިލިޓީގެ މަސައްކަތް މި އަހަރުގެ ފަހު ކުއާޓަރަށް ނިމޭއިރު މ.މުލަކުގައި ގާއިމުކުރާ ކޯލްޑް ސްޓޮރޭޖުގެ މަސައްކަތް އަންނަ ޑިސެންބަރު ދިހަވަނަ ދުވަހަށް ނިމޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މުއްތަލު އިތުރަށް ވިދާޅުވީ ކޫއްޑޫއާއި ފެލިވަރުންކުރެ ކޮންމެ ތަނެއްގައި 4،000 ޓަނުގެ ކޯލްޑް ސްޓޮރޭޖު ފެސިލިޓީއެއް ގާއިމުކުރަމުންދާއިރު، ގދ.ފިޔޯރީގައި 3،000 ޓަނު، އަދި ފ.ނިލަންދގައި 1،500 ޓަނުގެ ކޯލްޑް ސްޓޮރޭޖު ގާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އޭގެ އިތުރަށް ފުނައްޑޫގައި ތަރައްގީކުރާ މަރުކަޒުގައި އިތުރު 1،300 ޓަނުގެ މަސް ރައްކާކުރެވޭނެއެވެ.
އޭނާ ވިދާޅުވީ މިހުރިހާ ތަނެއްގެ މަސައްކަތް ނިމޭއިރު ސަރުކާރުން ކަނޑައެޅި އަމާޒަށްވުރެ އިތުރަށް ރާއްޖޭގެ މަސް ރައްކާކުރުމުގެ ގާބިލުކަން އިތުކުރެވިގެންދާނެ ކަމަށެވެ.
ސްޓޭޓް މިނިސްޓަރު ސިފަކުރެއްވި ގޮތުގައި މަސްވެރިކަމުގެ ސިނާއަތަށް މިހާތަނަށް ގެނެވޭ އެންމެ ބޮޑު ހެޔޮ ބަދަލަކަށްވާނީ މަސް ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރެވުމެެވެ. އަދި އެ ބަދަލާއެކު މަސްވެރިންގެ އަތުން މަސް ގަންނ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގައި ވިދާޅުވިއެވެ.
ސަރުކާރުންދަނީ މަސް ރައްކާކުރުމުގެ ގާބިލުކަމުގެ އިތުރަށް މަހަށް އަގު އިތުރުކުރުމުގެ ގާބިލުކަން އިތުރުކޮށް ދުވާލެއްގެ މައްޗަށް ދަޅުގައި ބަންދުކުރެވޭ މަހުގެ އަދަދު އިތުރުކުރުމަށްވެސް މުހިއްމު މަޝްރޫއުތަކެއް ހިންގަމުންނެވެ.