ENGLISH
07 ސެޕްޓެމްބަރު 2025
ރަސްމާލެއިން ހުޅުމާލެ ފޭސް އެކަކާ އެއްވަރުގެ ބިން ހިއްކައިފި، މި ހަފްތާގައި އިތުރު ސަރަޙައްދުތައް ހިއްކަން ފަށަނީ
18 އޯގަސްޓު 2025
|
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: ޕީއެސްއެމް
ރަސްމާލެއިން ގާތްގަނޑަކަށް ހުޅުމާލޭ ފޭސް އެކަކާ އެއްވަރުގެ ބިން ހިއްކައި، އިތުރު ސަރަޙައްދުތައް ހިއްކުމުގެ މަސައްކަތް މި ހަފްތާގައި ފަށަން ތައްޔާރުވެފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ރަސްމާލެއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހިންގަމުންގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއެވެ. އެގޮތުން، ފުށިދިއްގަރު ފަޅުން ޖުމްލަ 1009 ހެކްޓަރުގެ ބިންހިއްކަން ނިންމައި، މިހާތަނަށް 129.60 ހެކްޓަރު ބިން ވަނީ ހިއްކައިފައެވެ. އެއީ 1153 ހެކްޓަރު ހިމެނޭ އެ ފަޅުގެ 12.84 އިންސައްތައެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުން އައީ ދެ ކުންފުންޏަކުންނެވެ. މިހާރު ވަނީ އިތުރު ކުންފުންޏަކާ މަސައްކަތް ޙަވާލުކޮށްފައެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތްކުރަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީއާއި މޯހަން މުތާ އެކްސްޕޯޓްސްގެ އިތުރުން ފަހުން މަސައްކަތް ޙަވާލުކުރި ޗައިނާގެ ހާބަރ އިންޖީނިއަރިން ކުންފުނިންނެވެ.
ޗައިނާ ކުންފުނިން ބިން ހިއްކަން ތައްޔާރުވަމުން އަންނަ ސަރަޙައްދުގައި ސައިޓް މޮބިލައިޒްކޮށް، ފަހުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ. ބިން ހިއްކުމަށް ބޭނުންވާ ޑްރެޖަރު ރާއްޖެ އައިސްފައިވާއިރު، މި ހަފްތާގައި އެ މަސައްކަތް ފަށާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެ ކުންފުނިން ރަސްމާލެ ސައިޓުން 265 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
ރަސްމާލެ ހިއްކާ ނިމޭއިރު އެތަން ވެގެންދާނީ ހުޅުމާލޭ ފޭސް 2 ހިމެނޭހެން، ހުޅުމާލޭގެ ތިންގުނަ ބޮޑު ސިޓީއަކަށެވެ. ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ރަސްމާލެ ތަރައްޤީކުރާއިރު، އެތަން ހިއްކަނީ 2.5 މީޓަރު އުސްކޮށެވެ. އަދި، އެތަނުން 65،000 ގެދޮރު ދޫކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
މި މަޝްރޫއު ނިމިގެންދާއިރު މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ވަށާޖެހޭ ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. ގެދޮރުވެރިކަމުގެ އިތުރުން، ފުށިދިއްގަރުފަޅު ޕްލޭންކޮށް ތަރައްގީ ކުރެވިގެންދާނީ ވިޔަފާރިތަކަށާއި އިންޑަސްޓްރިއަލް އެކި ބޭނުންތަކަށް އަދި ޓޫރިޒަމްގެ އެކި ބާވަތްތައް ވެސް ހިމަނައިގެންނެވެ.