ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

"އެކު އެކީ" ނަމުގައި ޒުވާނުންނަށް ހުޅުވާލި ޕްރޮގްރާމް މި މަހު ކުޅުދުއްފުށީގައި ބާއްވަނީ

18 އޯގަސްޓު 2025

|

ޢަލީ ޝަހީމް

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އެ ވުޒާރާގެ ބައްދަލުވުމެއްގައި. ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ގުޅިގެން "އެކު އެކީ" ނަމުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް މި މަހު ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދަން ނިންމައި ބައިވެރިވާން ފުރުޞަތު ހުޅުވާލައިފިއެވެ. 

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ގެވެށި އަދި ޖިންސީ އަނިޔާއާއި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމަށާއި، ހަމަހަމަ އުޞޫލުތަކެއް ގެންގުޅުމާއި، މުޖުތަމަޢުގައި ހެޔޮ ބަދަލުތައް ގެނައުމާއި ގުޅޭ ތަމްރީނު ޒުވާނުންނަށް ދިނުން ކަމަށެވެ. 

ފުރަތަމަ ޕްރޮގްރާމް ކުޅުދުއްފުށީގައި ކުރިއަށްދާނީ އޮގަސްޓް 24 އިން 28 ވަނަ ދުވަހުގެ ނިޔަލަށެވެ. ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮގްރާމްގައި ހދ.ހަނިމާދޫ، ކުމުންދޫ، ވައިކަރަދޫ އަދި ކުޅުދުއްފުށި ސިޓީގެ ޒުވާނުންނަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ޒުވާނުންގެ ތެރެއިން ފުރުސަތު ހުޅުވާލާފައިވަނީ 18 އަހަރާއި 25 އަހަރުގެ އުމުރުފުރާގެ ފަރާތްތަކަށެވެ. 

"އެކު އެކީ" ނަމުގައި ޒުވާނުންނަށް ކުރިއަށްގެންދާ ޕްރޮގްރާމް

ޕްރޮގްރާމްގެ ބައިވެރިންނަށް ދަތުރުފަތުރާއި، ކެއުން އަދި ހުރުމުގެ އިންތިޒާމުތައް ހަމަޖައްސާނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި، ޕްރޮގްރާމް ފުރިހަމަކުރުމުން، ބައިވެރިންނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ހިންގުމުގެ ސެޓްފިކެޓް ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. 

ސެޓްފިކެޓް ލިބުމުން، ޕްރޮގްރާމްގެ ބައިވެރިންނަށް މުޖުތަމަޢުގެ ރައްކާތެރިކަމަށް މަސައްކަތްކުރުމަށް ފުރުޞަތު ލިބިގެންދާނެއެވެ. 

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، ޕްރޮގްރާމާއެކު ބައިވެރިންނަށް އެމީހުންގެ މުޖުތަމަޢުތަކުގައި އެދެވޭ ބަދަލުތަކެއް ގެނައުމަށް ބޭނުންވާ މުހިންމު ހުނަރުތަކާއި މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމަށެެވެ. އަދި، ޕްރޮގްރާމް ވެގެންދާނީ މިންތީގެ ހަމަހަމަކަމާއި، މުޖުތަމަޢުގައި ހުންނަ ހަމަނުޖެހުންތައް ހައްލުކުރުމާއި އަދި މުޢާމަލާތްކުރުން ފަދަ ދާއިރާތަކުން ތަޖުރިބާ ހޯދުމަށް ލިބިގެންދާނެ ޚާއްޞަ ފުރުޞަތަކަށް ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. 

ޒުވާނުންނަށް އަމާޒުކޮށްގެން ޚާއްޞަ ޕްރޮގްރާމެއް ހުޅުވާލިއިރު، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއިން މިހާރުވެސް އަންނަނީ މުޖުތަމަޢުގެ ގޭބިސީތަކުގެ ޙާލަތު ގާތުން ބެލުމުގެ ގޮތުން "ހާލު ކިހިނެއް" ނަމުގައި ޤައުމީ ޕްރޮގްރާމެއް ހިންގަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު