ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ އަދަދު އެއް މިލިއަނުން މައްޗަށް

18 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ވީއައިއޭގައި، ފޮޓޯ: އަވަސް

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔަރަތްކުރީ ރާއްޖޭގެ ރިސޯޓުތަކަށްކަން ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާަބުތަކުން ދައްކައިފިއެވެ. 

އެ ވުޒާރާއިން މިއަދު އާއްމުކުރި ހިސާބުތަކަށް ބަލާއިރު އޯގަސްޓު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރީ 1،402،715 (އެއް މިލިއަން ހަތަރު ލައްކަ ދެހާސް ހަތްސަތޭކަ ފަނަރަ) ފަތުރުވެރިންނެވެ. އެއީ ނިމުނު އަހަރުގެ އެ މުހުލަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1،286،377 (އެއް މިލިއަން ދެލައްކަ އަށްޑިހަހާސް ތިންސަތޭކަ ހަތްދިހަ ހަތް) ފަތުރުވެރިންނާ އަޅާބަލާއިރު 9.0 އިންސައްތައިގެ އިތުރުވުމެކެވެ. 

މި އަހަރު ރާއްޖެއަަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ހަތަރު ގައުމަކީ ޗައިނާއާއި ރަޝިޔާއާއި އިނގިރޭސިވިލާތާއި އިޓަލީވިލާތެވެ. މި ހަތަރު ގައުމުންވެސް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއިރު ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު ދެ ލައްކައަށްވުރެ މަތިވެފައިވެއެވެ. 

ޗައިނާއިން 215،388 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ރަޝިޔާއިން 166،496 ފަތުރުވެރިން އަދި އިނގިރޭސިވިލާތުން 128،786 ފަތުރުވެރިން އަދި އިޓަލީން 100،557 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. 

މި މުހުލަތުގައި ރާއްޖެއަށް ފަތުރުވެރިންގެ 73.4 އިންސައްތަ މީހުން ނުވަތަ 1،028،995 (އެއްމިލިއަން އަށާވީސްހާސް ނުވަސަތޭކަ ނުވަދިހަފަސް) ފަތުރުވެރިން އައީ ރާއްޖޭގައި މިވަގުތު އޮޕަރޭޓުކުރަމުންދާ 175 ރިސޯޓަށެވެ. އަދި މިހާރު ރާއްޖޭގައި އޮޕަރޭޓުކުރާ 891 ގެސްޓުހައުސްއަށް 306،840 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ 21.،9 އިންސައްތައެވެ. 

ރާއްޖޭގައި 16 ހޮޓަލެއް އޮޕަރޭޓުކުރަމުންދާއިރު ހޮޓާތަކަށް އައިސްފައިވަނީ 37،023 ފަތުރުވެރިންނެވެ. އަދި ރާއްޖޭގައި އޮޕަރޭޓުކުރާ 158 ސަފާރީ އުޅަނދަށް 28،861 ފަތުރުވެރިން އައިސްފައިވެއެވެ. 

މި ދުވަސްވަރަކީ އޮފް ސީޒަންކަމުގައިވީ ނަމަވެސް މި އަހަރުގެ މިހާތަނަށް އެވެރެޖުކޮށް ދުވާލަކު 6152 ފަތުރުވެރިން އައިސްފައިވެއެވެ. އަދި ފާއިތުވި އަހަރުތަކާ އަޅާބަލާއިރު އޮފް ސީޒަނުގެ ހުރިހާ މަހެއްގަައިވެސް ފަތުރުވެރިން އައި މިންވަރު އިތުރުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު