ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

އިންޑިއާ ފަތުރުވެރިންގެ އަދަދު ދެލައްކައަށް އިތުރުކުރަން ކެމްޕެއިންއެށް ފަށަނީ

18 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

އިންޑިއާ ފަތުރުވެރިންގެ އަދަދު ދެލައްކައަށް އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ކެމްޕެއިންއެއް ފަށައިފިއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނި ގޮތުގައި 'ފްރޮމް ތިރަންގާ ޓު ޓަރކޮއިސް" ގެ ނަމުގައި މިކުންފުނިން ފެށި މި ކެމްޕޭނުން ދައްކުވައިދެނީ އިންޑިއާގެ އިތުރު ފަތުރުވެރިންނަށް މަރުހަބާ ކިޔުމާއި ދެ ގައުމުގެ ދެމެދުގައި އޮތް ސަގާފީ އަދި ފަތުރުވެރިކަމުގެ ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ކުރާ މަސައްކަތެވެ.

ކެމްޕެއިންގެ ނަން ރަމްޒުކޮށްދެނީ އިންޑިއާގެ ގައުމީ ދިދައިގެ ހުރި ކުލަތަކުން ފެށިގެން ރާއްޖޭގެ ނޫ ކަނޑާއި ހުދު ވެލި ގޮނޑުދޮށްތަކާ ހަމައަށް ކުރާ ދަތުރު ކަމަށް ވިޒިޓް މޯލްޑިވްސްއިން މައުލޫމާތުދިނެވެ.

މި ކެމްޕޭނުގެ ދަށުން ހިންގުމަށް ރާވާފައިވާ ހަރަކާތްތަކަށް ބަލާލާއިރު މައިކްރޯ އަދި މެކްރޯ އިންފްލުއެންސަރުންނާއެކު މަސައްކަތްކުރުމާއި، މީޑިއާ ފެމިލައިރައިޒޭޝަން ޓްރިޕްތައް ބޭއްވުމާއި، އިންޑިއާގެ ނަން ހިނގާ ނޫސްތަކުގައި ޚަބަރު ފީޗަރތަކާއި އިޝްތިހާރުތައް ޝާއިއުކުރުމާއި، އެއަރލައިންތަކާއި، މީޑިއާ އަދި ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއެކު ތިން ސިޓީއެއްގައި ރޯޑްޝޯތައް ބޭއްވުން ހިމެނެއެވެ.

ރާއްޖެއަށް އިންޑިއާގެ ފަތުރުވެރިން އަންނަ މިންވަރު 2017 އަދި 2018 ވަނަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ފާއިތުވި ތިން އަހަރު ތެރޭގައި %130 އަށްވުރެ އިތުރުވެފައިވެއެވެ.

2023 ވަނަ އަހަރަކީ އެންމެ ގިނަ އަދަދަކަށް އިންޑިޔާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިކަމަށް ރެކޯޑުކުރެވުނު އަހަރެވެ. އެ އަހަރު 209،193 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

އިންޑިއާގެ ފަތުރުވެރިން އިތުރުކުރުމަށް އެކުންފުނިން ފަށާފައިވާ ކެމްޕެއިންވެސް ބިނާވަނީ މިކުރިއެރުމުގެ މައްޗަށް ކަމަށާއި އަމާޒަކީ މިއަހަރުގެ ނިޔަލަށް އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު 200،000 ކެމްޕެއިންގެ ސަބަބުން އިތުރުކުރެވުންކަމަށް ވިޒިންޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވިއެވެ.

މީގެ އިތުރުން ދާދި ފަހުން އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއެކު ރާއްޖެއާއި އިންޑިއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ ފަތުރުވެރިކަމުގެ ދައިރާގެ ގުޅުންތައްވެސް އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށްވެސް އެކުންފުނިން ފާހަގަކުރިއެވެ.

ވިޒިޓް މޯލްޑިވްސްއިން މީގެ ކުރިންވެސް މި މާކުޓު އިތުރަށް ހަރުދަނާ ކުރަން ގިނަ މަސައްކަތް ކޮށްފައިވެއެވެ.

އެގޮތުން މިދިޔަ ފެބްރުއަރީ މަހު ވިޒިޓް މޯލްޑިވްސް އިން ފޯ ސީޒަންސް ހޮޓެލް މުމްބާއިގައި އެކްސްކްލޫސިވް “މޯލްޑިވިއަން ނައިޓް” އެއް ބާއްވާފައިވާއިރު، 100 އަށް ވުރެ ގިނަ ހައި ޕްރޮފައިލް ގެސްޓުން ބައިވެރިވި އެވެ.

މި އިވެންޓުގެ ސޯޝަލް މީޑިއާ ރީޗް 200 މިލިޔަނަށް އެރިކަން އެކުންފުނިން ފާހަގަކުރިއެވެ.

މީގެއިތުރުން މިދިޔަ ޖޫން މަހު ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރް އަދި ކޯރިއޯގްރަޕަރް ފަރާ ޚާން ވަނީ ވިޒިޓް މޯލްޑިވްސްއާ އެކު ހާއްސަ ކޯލަބްރޭޝަނެއްގައި އަޟްހާ އީދުގައި ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

އޭނާގެ 13 މިލިއަން ފޮލޯވޯވަރުންނަށް ރަށްރަށުގެ ދިރިއުޅުން ދައްކުވައިދިނުމާއެކު، ރާއްޖޭގެ ސަގާފަތާއި ކާބޯތަކެތީގެ މުއްސަނދިކަމާއި، ރާއްޖޭގެ އެތެރޭގައި ދަތުރުފަތުރު ކުރުމުގެ ފަސޭހަކަމާއި، ދިވެހިންގެ ހިތްހެޔޮ މެހެމާންދާރީ ދައުކުވައިލިއެވެ.

ކިޔުންތެރިންގެ ހިޔާލު