ENGLISH
07 ސެޕްޓެމްބަރު 2025
އެފްޑީސީގެ ފްލެޓްތަކަށް މީހުން ބަދަލުވާންވާއިރަށް ބަސް ސްޓޮޕްތައް ހަދަން ފަށައިފި
18 އޯގަސްޓު 2025
|
އެޗްޑީސީއިން ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: އެޗްޑީސީ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރާ 4000 ފްލެޓަށް މީހުން ބަދަލުވާންވާއިރަށް، އެ ސަރަޙައްދުގައި ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެޗްޑީސީން ބުނީ މިހާރު ބަސް ސްޓޮޕްތައް ޤާއިމުކުރުމާއެކު އެ ސަރަޙައްދަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަންނަނީ ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރަމުންނެވެ. އެގޮތުން އޮގަސްޓް 15 ވަނަ ދުވަހުގެ ނިޔަލަށް 1202 މީހުން އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް އެ އިދާރާއިން މައުލޫމާތުދީފައިވެއެވެ.
މި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން ބިނާކުރިއިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ.
ކޮންމެ ކުންފުންޏަކުން ވެސް ކުރިއަށް ގެންދަނީ 2،000 ފްލެޓުގެ މަސައްކަތެވެ. އެ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2800 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 1200 އެޕާޓްމެންޓެވެ.
އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ.
އެ ސަރަޙައްދަށް އާއްމުން ދިރިއުޅުން ބަދަލުކުރަންވާއިރަށް، ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.