ENGLISH
07 ސެޕްޓެމްބަރު 2025
ބޮޑުތަކުރުފާނު މަގު ހަދަން އެމްއެމްއޭ ކައިރި ބަންދުކުރާތީ ޓްރެފިކް ފްލޯއަށް ބަދަލުގެނެސްފި
18 އޯގަސްޓު 2025
|
ބޮޑުތަކުރުފާނު މަގު ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި، އެމްއެމްއޭ ހިމެނޭ ސަރަޙައްދުގެ މަގާއި، ފަޅުގެ ބައެއް ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލުގެނެސްފިއެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނުގައި ބުނީ، ބޮޑުތަކުރުފާނު މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި އޮގަސްޓް 18 އިން އޮކްޓޫބަރ 13 ވަނަ ދުވަހުގެ ނިޔަލަށް އެ ސަރަޙައްދުން ބައެއް ބަންދުވާނެ ކަމަށެވެ. އެގޮތުން ބޮޑުތަކުރުފާނު މަގުގެ އެއްފަޅިއާއި އެ ސަރަޙައްދުގެ ފަޅު ވެސް ބަންދުކުރަން ނިންމާފައިވެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، ނިންމުމާއެކު އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި މާފަށް އެދޭ ކަމަށެވެ. މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ އެ ސަރަހައްދަށް ގެނެވިފައިވާ ބަދަލު އެނގޭ ޗާޓު ވެސް އާއްމުކޮށްފައެވެ.
އާއްމުކޮށްފައިވާ ޗާޓުގައި ވާގޮތުން ދަތުރުވެރިންގެ މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާއި ހަމައަށް ބަންދުވާނެއެވެ. ދަތުރުވެރިންގެ މާރުކޭޓާ ހަމައިން އެއްކޮޅަށް ދުއްވައި ޗާންދަނީ މަގަށް ދެވޭ ގޮތަށް ވަނީ ބަދަލުގެނެސްފައެވެ. އަދި، ރަސްމީ ފާލަން ހިމެނޭ ސަރަޙައްދުވެސް ވަނީ އެއްކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފައެވެ.