ENGLISH
08 ސެޕްޓެމްބަރު 2025
ހުޅުމާލޭގައި 10ހާސް ޓަނުގެ ފެން ރައްކާކުރެވޭ ތާނގީގެ މަސައްކަތް ނިންމާ ބޭނުންކުރަން ފަށައިފި
17 އޯގަސްޓު 2025
|
މިއީ މިހާތަނަށް ބެހެއްޓި އެންމެ ބޮޑު ތާނގީ
ހުޅުމާލޭގައި 10,000 ޓަނުގެ ފެން ރައްކައުކުރެވޭ ތާނގީއެއްގެ އަމަލީ މަސައްކަތް ނިންމައި، ތާނގީ ބޭނުންކުރަން ފަށައިފި އެވެ.
މިއީ މާލޭ ސަރަޙައްދުގެ ފެނުގެ ޚިދުމަތް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ބެހެއްޓި ތާންގީ އެކެވެ.
މިއަދު އެމް.ޑަބްލިޔު.އެސް.ސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ތާނގީ ބޭނުން ކުރަން ފެށުން އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް އާއި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދު އެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުންގެ ހުނަރާއި މަސައްކަތްތެރިކަމުގެ ތެރެއިން ޤާއިމުކުރެވުނު މި ތާނގީއަކީ، މިހާތަނަށް ރާއްޖޭގައި ބެހެއްޓުނު އެންމެ ބޮޑު ފެން ތާނގީ އެވެ.
24 މީޓަރު އުސް މި ތާނގީގެ ޢަމަލީ މަސައްކަތް ފެށީ 2024 ވަނައަހަރުގެ ސެޕްޓެންބަރުގަ އެވެ.
މި ތާނގީ ބޭނުން ކުރަން ފެށުމާއެކު ހުޅުމާލޭގައި ފެން ރައްކައުކުރެވޭ މިންވަރު 22,600 ޓަނަށް ވަނީ އިތުރުވެފައެވެ. މިއީ ހުޅުމާލޭގައި ފެންރައްކާ ކުރެވޭ މިންވަރަށް އައި 79 އިންސައްތައިގެ ކުރިއެރުމެކެވެ.
މި ތާނގީ ބޭނުންކުރަން ފެށުމާއެކު މާލެއާއި ހުޅުމާލޭގައި ފެން ރައްކައުކުރެވޭ ޖުމްލަ މިންވަރު 36,000 ޓަނުން 46,000 ޓަނަށް ވަނީ އިތުރުވެފައެވެ. ސިނަމާލެ ބްރިޖްމަތިން އަޅާފައިވާ ހޮޅި މެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ 2025 ވަނައަހަރުގެ ފެބްރުއަރީމަހުގައި ވަގުތީ ގޮތުން ގުޅާލެވިފައިވުމާއެކު މި ތާނގީގެ ސަބަބުން މާލޭގެ ފެނުގެ ޚިދުމަތަށްވެސް އިތުރު ކުރިއެރުމެއް ލިބިގެން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.