ENGLISH

25 ނޮވެމްބަރު 2024

ފަތުރުވެރިކަމަށް 11 ރަށެއް ދޫކޮށްފި؛ ގިނައީ ދިވެހި އިންވެސްޓަރުން

24 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާޙީމް ފައިޞަލް

ރާއްޖޭގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް 11 ރަށެއް ދޫކޮށްފައިވާ ކަމަށާއި އޭގެތެރޭގައި ގިނައީ ދިވެހި އިންވެސްޓަރުން ކަމަށް، ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާޙީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ހަފްތާ52" ޕްރޮގްރާމުގައި މައުލޫމާތު ދެއްވަމުންނެވެ. މި ސަރުކާރުން ފަތުރުވެރި ކަމަށް ހުޅުވާލި 25 ރަށް ކަމަށާއި، އޭގެތެރެއިން 11 ރަށުގެ އެވޯޑް ލެޓާ ލިބި، ދައުލަތަށް ދައްކަން ޖެހޭ އިކުޒިޝަން ކޯސްޓް މިހާރު ދައްކާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވީ މިއީ 385 މިލިޔަން ޑޮލަރުގެ އިންވެސްޓުމަންޓެއް ކަމަށެވެ. އަދި އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ގިނަ ރަށްތައް ނަގާފައިވަނީ ދިވެހިންކަމަށް ވާތީ އެވެ.

މިހާރު އިންވެސްޓް ކުރުމުން މީގެ 20 ވަރަކަށް އަހަރު ފަހުން ފަތުރުވެރިކަމުގެ ދާއިރާގައި ބޭރު މީހުން ޑޯމިނޭޓްކުރާ ކުރުން ބަދަލު ވެގެން ދާނެ ކަމަށް ވިދާޅުވި އެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް އިންވެސްޓްކުރާ ދިވެހިން ގިނަ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ސިނާއަތަށް ދިވެހިން އިންވެސްޓްކުރުމަށް ބާރު އެޅުމުގެ ގޮތުން ފައިސާ ލިބޭނެ މަގުތައް ތަނަވަސްކޮށް ދިނުމަށް ބީއެމްއެލް އާއި އެމްއައިބީ އާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފައިސަލް ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު