ENGLISH
07 ސެޕްޓެމްބަރު 2025
ވެމްކޯގެ ވިޔަފާރި ފުޅާކުރަނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އަމިއްލަ ވިޔަފާރިތަކާ ގުޅިގެން: ވެމްކޯ
17 އޯގަސްޓު 2025
|
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އެ ކުންފުނީގެ ވިޔަފާރި ފުޅާކުރަމުން ގެންދަނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ކަމަށް ބުނެފިއެވެ.
ވެމްކޯއިން ކައުންސިލްތަކާއި މަޝްވަރާކޮށް ވިޔަފާރި އުސޫލުން ބިން ހޯދުމާއި ގުޅޭގޮތުން މީސްމީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން އެކުންފުނިން ނެރުނު ބަޔާނުގައި ބުނީ، މީސްމީޑިއާގައި ދައުރުވަމުންދާ ލިޔުމަކީ ކަމުގެ ހަޤީގަތް އޮޅޭގޮތަށް ލިޔެފައިވާ ލިޔުމެއް ކަމަށެވެ.
މީޑިއާގައި ރިޕޯޓުކޮށްފައިވަނީ ވެމްކޯއިން ގެސްޓް ހައުސް ވިޔަފާރި ތެރެއަށް ވަންނަން މަސައްކަތް ކުރާ ކަމަށާއި، އަދި ކައުންސިލްތަކަށް އެގޮތަށް ހުށަހަޅަމުންދާކަމަށެވެ.
ވެމްކޯއިން ފާހަގަކުރި ގޮތުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަކީ ޒަމާނުއްސުރެ ސަރުކާރުން ސަބްސިޑައިޒްކޮށްގެން ދެމުން އަންނަ ޚިދުމަތެކެވެ. އެހެންނަމަވެސް ދައުލަތަށް ބުރަ ބޮޑުނުވާ ގޮތަށް މި މަސައްކަތް އަރަނިވެރި މަސައްކަތަކަށް ހެދުމަށް ސަރުކާރުން ނިންމައި، ކުންފުނީގެ މެނޭޖްމަންޓުންވެސް އެކަމަށް އިސްކަންދީގެން މަސައްކަތްކުރަމުންދާކަން ވެމްކޯގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ކޮންމެ ރަށެއްގައި ޚިދުމަތްދޭއިރު، އެ މަރުކަޒަކީ ޕްރޮފިޓް ސެންޓަރެއްގެ ގޮތުގައި ބަލައިގެން މަސައްކަތްކުރެވޭނެކަމަށާއި ރަށުގެ އާބާދީ ކުޑަވުމުން ޚަރަދުތަކާ ބައްދަލުކުރަން ވެއްޖެނަމަ ރައްޔިތުން އުފުލަންޖެހޭ ބުރަ ބޮޑުވާނެތީ، ވިޔަފާރި ފުޅާކުރުމަށް ސިޔާސަތެއް ކަނޑައަޅައި އެކަމަށް މަސައްކަތްކުރާނެކަމަށް މައުލޫމާތުދިނެވެ.
މި ސިޔާސަތުގެ ދަށުން ވެމްކޯއިން ކުރިއަށްގެންދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުގައި ރީސައިކްލިން ސެންޓަރުތައް ޤާއިމުކުރުމާއި، ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢުތައް ހިންގުމުގެ އިތުރުން ޕްލާސްޓިކް ރީސައިކްލިން މަސައްކަތްތައް ފުޅާކުރުން އަދި ކާދު އުފެއްދުމުގެ މަސައްކަތް ވިޔަފާރި އުސޫލުން ކުރިއަށްގެންދިއުން ހިމެނެއެވެ.