ENGLISH
07 ސެޕްޓެމްބަރު 2025
55 ރަށެއްގައި ކައުންސިލް އިމާރާތް އަޅަން އާރުސީސީއާ ހަވާލުކޮށްފި
17 އޯގަސްޓު 2025
|
ކައުންސިލް އިމާރާތްތައް އަޅަން އާރުސީސީއާ ޙަވާލުކުރުން. ފޮޓޯ: ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި, ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާއެކު ސޮއިކޮށްފިއެވެ.
އިއްޔެ ސޮއިކުރި އެއްބަސްވުމުގައި ވަނީ ކުރިއަށް އޮތް 11 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. ކައުންސިލް އިމާރާތްތައް އެޅުމުގެ އަމަލީ މަސައްކަތް އޮގަސްޓް މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މި މަޝްރޫގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިމާރާތް ނިމޭއިރު، ގޯތީގެ ވަށާފާރާއި، އޮފީހަށް ބޭނުންވާ ފަރުނީޗަރ ހަމަޖެހިގެންދާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
އާރުސީސީއާ މި މަޝްރޫޢު ހަވާލުކުރީ، ކުރިން މި މަޝްރޫޢު ހަވާލުކުރި މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލްއާއެކު ވެވުނު އެއްބަސްވުން ބާޠިލްކުރުމަށް ފަހުގައެވެ.
ބާވެ ވީރާނާވެފައިވާ ކައުންސިލް އިމާރާތްތައް ތަރައްގީކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން 100 އަށް ވުރެ ގިނަ ރަށުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ކައުންސިލް އިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ރަށްރަށުގައި 55 ކައުންސިލް އިމާރާތް އަޅަން އާރުސީސީއާ ހަވާލުކުރިއިރު، 50 ރަށެއްގެ ކައުންސިލް އިދާރާގެ މަސައްކަތް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި މަހުގެ ތެރޭގައި ވަނީ ކައުންސިލް އިމާރާތްތަކުގެ ފީޒިބިލިޓީ ހެދުމަށްވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި ޗައިނާގެ ފަންނީ ޓީމާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.