ENGLISH
07 ސެޕްޓެމްބަރު 2025
ސަރުކާރުގެ ތަޞައްވުރަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ޒަކާތުގެ ނިޒާމެއް ޤާއިމުކުރުން: ޑރ. ޝަހީމް
17 އޯގަސްޓު 2025
|
ރޭ ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޑރ. ޝަހީމް ވާހަކަދައްކަވަނީ. ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ސަރުކާރުގެ ތަޞައްވުރަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ޒަކާތުގެ ނިޒާމެއް ޤާއިމްކުރުންކަމަަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. ޝަހީމް މިފަދައިން ވިދާޅުވީ ޒަކާތު ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސްކޮލަރޝިޕްތަކާއެކު އިސްލާމީ ދާއިރާތަކުން މީހުން ތަމްރީނުކުރެވިގެންދާނެ ކަމަށާއި، ސްކޮލަރޝިޕް ނިންމާ ދަރިވަރުންގެ ފަރާތުން ޤައުމަށް ފައިދާކުރާނެކަން ޔަގީންކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ޒަކާތުގެ ނިޒާމް އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ނިޒާމަކަށް ވެގެންދިއުމަށް، މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ޒަކާތުގެ ބިލް ޤާނޫނަކަށް ވެގެންދިއުން މުހިއްމުކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ޒަކާތުގެ ނިޒާމް ހަރުދަނާވުމުގައި، މި ސަރުކާރުގެ ކުރީކޮޅު އުފެއްދެވި ޒަކާތު ހައުސްގެ ދައުރު މުހިއްމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ޒަކާތުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް، އިންތިޒާމުކޮށް ކުރިއެރުވޭނެ ވަސީލަތްތައް މިހާރު އެބަހުރި ކަމަށެވެ.
ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ޒަކާތު ސްކޮލަރޝިޕްގެ ފުރުސަތު ދިންއިރު، އެއީ ޤައުމާއި އިސްލާމީ ޙަޟާރާތު އިތުރަށް ކުރިއެރުވުމަށްޓަކައި ބޭނުންވާ މުހިއްމު ފުރުޞަތެއް ކަމަށާއި، ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ވަޒީރު ޑރ. ޝަހީމް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.