ENGLISH
07 ސެޕްޓެމްބަރު 2025
ލާމަރުކަޒީ ޤާނޫނަށް ގެނެވުނީ ބޭނުންޖެހިފައިވާ މުހިއްމު އިސްލާހުތަކެއް: ޤާސިމް
17 އޯގަސްޓު 2025
|
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 16 ވަނަ އިސްލާޙަކީ މިއަދުގެ ޙާލަތާއި ގުޅިގެން ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ އަދި ވަރަށް މުހިއްމު އިސްލާހުތަކެއް ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއި ގުޅޭގޮތުން ޚިޔާލުފާޅުކުރައްވައި ޤާސިމް މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، ރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށާއި، ރާއްޖެއަކީ ފެޑެރަލް ދައުލަތެއް ނޫން ކަމަށެވެ.
ޤާސިމް ވިދާޅުވީ ޔުނިޓަރީ ދައުލަތެއްގެ ވެރިކަން ހިންގުމުގެ ބާރުތަކާއި، ފްރޭމްވޯކާއި ފުށޫއަރާގޮތަށް އެއްވެސް ޤާނޫނެއް ހެދިފައި އޮވެގެން ނުވާނެ ކަމަށާއި، ލާމަރުކަޒީ ޤާނޫނުވެސް އޮންނަންވާނީ ޔުނިޓަރީ ދައުލަތަކުން ކަމެއް ފުޅާކުރެވޭނެ މިންވަރަކަށް އެ ހުދޫދުގެ ތެރޭގައި ކަމަށެވެ.
"ލާމަރުކަޒީ ނިޒާމުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުން ޤާނޫނު އަސާސީގައި ބަޔާންކޮށް އެމައްޗަށް ޤާނޫނެއް ވުޖޫދަށް ގެނެސް ވޭތުވެދިޔަ 14 ވަރަކަށް އަހަރު ރާއްޖެ ހިންގަމުންދާއިރު، މި ޤާނޫނާއި އެކު ފެޑްރަލް ވިސްނުން ބައެއް ފަރާތްތަކަށް އަންނަކަމީވެސް ޙަޤީގަތެއް، ޢާންމުކޮށް ސަރުކާރާއި އިދިކޮޅަށް އޮންނަ ޕާޓީތަކުން އެފަދަ ވާހަކަތައް ޕްރޮމޯޓްކުރާކަން ވެސް ފާހަގަކުރެވޭ" ޤާސިމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޤާސިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިފަދައިން ލާމަރުކަޒީ ނިޒާމު "ހަރުދަނާކުރުމަށް، ޗެމްޕިއަން ކުރުމަށް" އިސްލާހުތައް ގެންނަންޖެހޭ ކަމަށެވެ.
"ކުރިއަށް އޮންނަ އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް، ގިނަ އަދަދަކަށް މުވައްޒަފުން ނަގާނެ ފުރުޞަތު އޮވެގެންނުވާނެ، އެއީ ނާޖާއިޒު ފައިދާއެއްވެސް މެ، އަންނަ ދައުރަށް ހޮވުމުގެ ބޭނުމުގައި ސަރުކާރުގެ މާލިއްޔަތު ތަންނުދޭ މިންވަރަށް އިތުރު މަޤާމުތައް އުފެއްދުމުގެ ބާރު ޤާނޫނަކުން ކައުންސިލަރުންނަށް ލިބިދީފައި އޮވެގެން ނުވާނެ" ޤާސިމް ވިދާޅުވިއެވެ.
އިސްލާހުގެ ސަބަބުން ފައިދާވާނީ ރައްޔިތުންނަށް ކަމަށާއި، ރަށެއްގެ ތަރައްޤީގެ ޕްލޭނަކީ ރައްޔިތުންގެ ޚިޔާލާއެކު ފާސްކޮށްފައިވާ އެއްޗަކަށް ވާއިރު، އޭގައި ނުހިމެނޭ ކަންކަން އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ކުއްލިއަކަށް ފެށުމުގެ އިޚްތިޔާރު އޮވެގެންނުވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ޤާނޫނަށް އިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ، ޤާނޫނުގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ޙަރަކާތްތައް ހިންގުމުގެ ދާއިރާ ޤާނޫނުގައި ކަނޑައެޅުމަށާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި ޢަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖަޢާކުރުމަށާއި، ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމެވެ.
ބިލުގައިވާ އިޞްލާޙްތަކަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް، ގެންނަންޖެހޭ އިޞްލާޙުތަކެއް ކަމަށާއި، މިއީ އެ ނިޒާމު އިތުރަށް ތަރައްޤީކުރުމަށްޓަކައި ގެންނެވި އިޞްލާޙްތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.