ENGLISH
16 އޯގަސްޓު 2025
އެއްލައްކަ ރުފިޔާއާ ހަމައަށް އިސްލާމިކް ފައިނޭންސިން ލިބޭ މުބާރާތެއް އެމްއެމްއޭއިން އިއުލާނުކޮށްފި
16 އޯގަސްޓު 2025
|
އެއްލައްކަ ރުފިޔާއާ ހަމައަށް އިސްލާމިކް ފައިނޭންސް ފަންޑިން ލިބޭ މުބާރާތެއް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއުލާނުކޮށްފިއެވެ.
އެމްއެމްއޭއިން އިއުލާނުކުރީ ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖެވެ. މަރުކަޒީ ބޭންކުން މީޑިއާތަކާ ހިއްސާކުރި ބަޔާނުގައި ބުނިގޮތުގައި މުބާރާތް ކުރިއަށްގެންދިއުމުގެ މަޤްޞަދަކީ މާލީ ހޭލުންތެރިކަމާއި އަދި ވަކިން ޚާއްސަކޮށް ރާއްޖޭގެ އިސްލާމީ ފައިނޭންސްގެ ދާއިރާ ކުރިއެރުވުމެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.
ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް ބަހާލާފައިވަނީ ދެ ގިންތިއަކަށެވެ. ފުރަތަމަ ގިންތި އަމާޒުކޮށްފައިވަނީ އިސްލާމީ ފައިނޭންސިންއަށް އާ ހައްލުތަކާއި ގުޅޭގޮތުންނެވެ. މި ގިންތި އަމާޒުކޮށްފައިވަނީ ޒުވާނުންނާއި، ސްޓާޓްއަޕްތަކާއި، ދަރިވަރުންނާއި، މުދައްރިސުންނާއި އަދި އިޖްތިމާޢީ ވިޔަފާރިވެރިންނަށެވެ. މި ގިންތި ފަރުމާކޮށްފައިވަނީ ޝަރީޢާއާ އެއްގޮތްވާ ޙައްލުތަކުގެ ޒަރީޢާއިން މާލީ ނިޒާމު ވަރުގަދަކުރެވޭނެ ޚިޔާލުތަކާއި ނަމޫނާ ތަކަށެވެ. 18 އަހަރުން މަތީގެ ވަކިވަކި ފަރުދުންނާއި އަދި 3 މެމްބަރުންގެ ޓީމްތަކަށްވެސް މި ގިންތީގައި ބައިވެރިވެވޭނަކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެއެވެ.
ފުރަތަމަ ގިންތީގެ ޗެލެންޖް ކާމިޔާބުކުރާ ފަރާތަކަށް 30،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމާއި ފަންޑިން، މެންޓަރޝިޕް ފުރުޞަތުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދެވަނަ ގިންތި އަމާޒުކޮށްފައިވަނީ "ދިރާސާއާއި ސިޔާސަތުގެ އަލީގައި ވަށައިޖެހޭ އިސްލާމިކް ފައިނޭންސް ނިޒާމެއް" މި މަޢުޟޫއަށެވެ. މި ބައި އަމާޒުކުރެވިފައިވަނީ ދިރާސާކުރާ ފަރާތްތަކާއި، ދައިރާގެ ފަންނީ ތަޖުރިބާކާރުންނާއި އަދި މުއައްސަސާތަކަށެވެ. މި ބައި އަމާޒުކުރެވިފައިވަނީ އިސްލާމިކް ފައިނޭންސްގެ ކުރިއެރުމާއި، ދެމެހެއްޓެނިވިކަމާއި އަދި އިޖްތިމާޢީ އަސަރު އިތުރުކުރުމަށް ދިރާސާއާއި ސިޔާސަތުގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ހުށަހެޅުންތަކަށެވެ. މި ބައިގައި އަލިއަޅުވާލެވޭ ދާއިރާތަކުގެ ތެރޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތަކާއި، މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމާއި އަދި ސިޔާސަތު އެކުލަވާލުން ވަނީ ހިމަނައިފައެވެ.
ދެވަނަ ގިންތީގައި ބައިވެރިވާ ފަރާތްތަކުން ވާދަކުރާނީ އެއްލައްކަ ރުފިޔާގެ ފަންޑަކަށް ކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެއެވެ.
އެމްއެމްއޭއިން ބުނީ، މުބާރާތުގައި އެ އިދާރާގެ މުވައްޒަފުންނާއި އެމްއެމްއޭގެ ޕާޓްނަރުންނަށް ވާދަނުކުރެވޭނެ ކަމަށެވެ.
އެމްއެމްއޭއިން ވަނީ ދުޅަހެޔޮ މާލީ ނިޒާމަކާއި ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީގެ ޒަރިއްޔާއިން މުޖުތަމަޢު ބާރުވެރިކުރުވުމަށް ތަމްވީލް ފިންލެޓް ފެސްޓިވަލް ފަށައިފައެވެ. ފެސްޓިވަލްގައި އިންމްޕެކްޓް ޗެލެންޖުގެ އިތުރުން، ފިންލެޓް ޗެލެންޖާއި އިކޮންކުއެސްޓް ބަހުސް މުބާރާތުގެ އިތުރުން ފިއުޗަރ ފައިނޭންސްގެ ނަމުގައި ބާއްވާ މަޒުމޫނު މުބާރާތް އަދި ވެލިއުސް އެންޑް ވިޝަން އާޓް މުބާރާތުގެ އިތުރުން ކުރު ވީޑިއޯ ހެދުމުގެ މުބާރާތެއްވެސް ހިމެނޭކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.