ENGLISH
16 އޯގަސްޓު 2025
މޯލްޑިވްސް މެޑިކަލް ކޮންފަރެންސް ފަށައިފި، މިއަހަރު ޚާއްސަކުރީ އުމުރުން ދުވަސްވީ މީހުންގެ ޞިއްޙީ ޚިދުމަތަށް
16 އޯގަސްޓު 2025
|
މޯލްޑިވްސް މެޑިކަލް ކޮންފަރެންސް ފެށުން. ފޮޓޯ: ޞިއްޙަތާ ބެހޭ ވުޒާރާ
އިތުރުވަމުންދާ އުމުރުން ދުވަސްވީ މީހުންގެ އާބާދީއާއި، އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތް އިތުރަށް ހަރުދަނާކުރުމާ ގުޅޭ މަޝްވަރާތައް މިއަހަރުގެ މޯލްޑިވްސް މެޑިކަލް ކޮންފަރެންސްގައި ފަށައިފިއެވެ.
ކޮންފަރެންސް އިފްތިތާޙްކޮށްދެއްވީ ޞިއްޙަތާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޒިމްއެވެ. މިއަހަރުގެ ކޮންފަރެންސް ޚާއްޞަކުރީ އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމަށެވެ.
މިއަހަރުގެ މޯލްޑިވްސް މެޑިކަލް ކޮންފަރެންސް ރަސްމީކޮށް ރޭ ފެށީ މީރުމާ ހޮޓެލްގައެވެ. ކޮންފަރެންސް ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަށެވެ.
ޞިއްޙަތާ ބެހޭ ވުޒާރާއިން ކޮންފަރެންސް ކުރިއަށްގެންދަނީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާ ގުޅިގެންނެވެ. މިއީ ރާއްޖޭގައި މިގޮތަށް ބާއްވާ ދެވަނަ ކޮންފަރެންސްއެވެ.
މޯލްޑިވްސް މެޑިކަލް ކޮންފަރެންސްގައި މުޅި ރާއްޖޭން ފަންނީ ބޭފުޅުން ވަޑައިގަންނަވައެވެ. އޭގެތެރޭގައި ޑޮކްޓަރުންނާއި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަންނީ ބޭފުޅުން ހިމެނެއެވެ.
މިއަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "ޖެރިއެޓްރިކް، ލެޓްސް ޓޯކް އޭޖްޑް ކެއާ"އެވެ.
އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ކޮންފަރެންސް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ދޮށީ އުމުރުގެ އާބާދީގެ ނިސްބަތް އިތުރުވެ، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުން ކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.