ENGLISH
16 އޯގަސްޓު 2025
އިތުރު އަސްކަރީ އުޅަނދުތަކެއް ކައިރި މުސްތަގުބަލެއްގައި ލިބޭނެ: ޗީފް އޮފް ޑިފެންސް
16 އޯގަސްޓު 2025
|
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ
ކަނޑުތައް ބެލެހެއްޓުމުގައި ރާއްޖޭގެ ދިފާއީ ބާރުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އިތުރު އަސްކަރީ ކަނޑު އުޅަނދުތަކެއް ލިބިގެންދާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް, މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެ އެވެ.
ހިލްމީ މިފަދައިން ވިދާޅުވީ ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު، "ދަރުމަވަންތަ" ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ ޙަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޑޯގަން ކްލާސްގެ އެ މަނަވަރަކީ ހިލްމީ ވިދާޅުވި ގޮތުގައި ދިވެހި އަސްކަރިއްޔާގެ އެންމެ ބޮޑު މަނަވަރެވެ.
ރާއްޖޭގެ އަސްކަރިއްޔާ ތަރައްގީކުރުމަށްޓަކައިި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވަމުން ހިލްމީ ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް ބެލެހެއްޓުމުގައި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އިތުރު ކަނޑު އުޅަނދުތަކެއް ތުރުކީން އެމަނިކުފާނު ހޯއްދަވައިދެއްވާނެ ކަމަށެވެ.
"ތުރުކީވިލާތު ނޭވީގެ މަނަވަރެއް ދިވެހިރާއްޖޭގެ ދިފާއީ ބާރަށް ހޯއްދަވައިދެއްވައި ދިވެހި ކަނދުތައް ބެލެހެއްޓުމުގެ ގާބިލުކަން ހޯއްދަވައިދެއްވުމަސްޓަކައި ކައިރި މުސްތަގުބަލެއްގައި އަދި އިތުރު އަސްކަރީ ކަނޑުގެ އުޅަނދުފަހަރު އެމަނިކުފާނު އެމްއެންޑީއެފް އިން ހޯއްދަވައިދެއްވާނެ. މި މަންޒަރު ތިޔަ ބޭފުޅުންނަށް ދާދި އަވަހަށް ފެނިވަޑައިގަންނަވާނެ." ހިލްމީ ވިދާޅުވި އެވެ.
ހިލްމީ ސިފަކުރެއްވި ގޮތުގައި، އެއީ ދިވެހި އަސްކަރިއްޔާ ތަރައްގީކުރެއްވުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދަވަމުންގެންދަވާ ކަމުގެ އަލިގަދަ ހެއްކެކެވެ.
ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑު ދެގުނަ ކުރައްވައި ގާބިލުކަން އިތުރުކުރެއްވުމަށް ރައީސް ކަނޑައަޅުއްވާފައިވާއިރު ތުރުކީން ހިލޭ އެހީގެ ގޮތުގައި ޑޯގަން ކްލާސް މަނަވަރެއް ހަދިޔާކުރަން ނިންމީ އެ ލަނޑުދަނޑިއަށް ވާސިލުވުމަށްޓަކާ ރަޙްމަތްތެރި ޤައުމުތަކާއެކު ބަދަހި ކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ދިފާއީ ވުޒާރާއިން ވަނީ ބުނެފަ އެވެ.