ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

ޖުލައި މަހުގެ ނިޔަލަށް ލިބުނު ޑޮލަރުގެ އާމްދަނީ %38 އިތުރުވެއްޖެ

16 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ %38 އިތުރުވެފައިވާކަަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

ކޮންމެ މަހެއް ނިމުމުން މީރާއިން އާއްމުކުރާ އެ މަހުގެ އާމްދަނީގެ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 880.4 މިލިއަން ޑޮލަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ޑޮލަރުން އާމްދަނީގެ ގޮތުގައި ލިބުނީ 637.8 މިލިއަން ޑޮލަރެވެ. 

އެހެންކަމުން މި އަހަރުގެ ޖަނަވަރީން ފެށިގެން ޖުލައިގެ ނިޔަލަށް ޑޮލަރުން ލިބުނު އާމްދަނީ ނިމުނު އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 38 އިންސައްތަ އިތުރުވެފައިވެއެވެ. 

ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއަށް ބަލާއިރު، ނިމުނު އަހަރު ޓެކުހުގެ ގޮތުގައި ލިބުނީ 522 މިލިއަން ޑޮލަރެވެ. މި އަހަރު ޓެކުހުގެ ގޮތުގައި ލިބުނު އަމްދަނީ 700 މިލިއަން ޑޮލަރަށް އަރާފަައިވެއެވެ. އެހެންކަމުން މި އަހަރު ލިބުނު ޓެކުހުގެ ބޭރު ފައިސާ 34 އިންސައްތަަ އިތުރުވެފައިވެއެވެ. 

ޓެކުހުގެ ތެރެއިން ޑިޕާޗާ ޓެކުހުގެ ގޮތުގައި ފާއިތުވި އަހަރު ލިބުނީ 43.6 މިލިއަން ޑޮލަރެވެ. މި އަހަރު އެ އަދަދުވަނީ 67.4 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އަދި އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި ނިމުނު އަހަރު 47 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު އެ އަދަދުވަނީ 108.8 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. 

ގްރީން ޓެކުހުގެ ގޮތުގައި ނިމުނު އަހަރު 41.2 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބުނު ޑޮލަރުގެ އަދަދުވަނީ 83.4 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. 

އޭގެ އިތުރަށް ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކުހުގެ ގޮތުގައި ނިމުނު އަހރު 389 މިލިއަން ޑޮލަރު ލިބުނު ނަމަވެސް މި އަހަރު އެ އަދަދުވަނީ 440.2 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. 

ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށް ޑިޕާޗާ ޓެކުހައި ގްރީން ޓެކުހުގެ ރޭޓު މި އަހަރުގެ ޖަނަވަރީން ފެށިގެން ބޮޑުކޮށްފައިވެއެވެ. އަދި ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކާއި، ފަރުދުންވެސް އާމްދަނީގެ ޓެކުސް ޑޮލަރުން ދައްކާ ގޮތަށް ހަމަޖައްސާފައިވެއެވެ. މީރާގެ ހިސާބުތަކުން ފެންނަ ގޮތުގައި އެ ފިޔަވަޅުތަކުގެ ސަބަބުން މި ޓެކުސްތަކުން ލިބުނު ބޭރު ފައިސާގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވިއެވެ. 

އެގޮތުން ޑިޕާޗާ ޓެކުހުގެ އާމްދަނީ 53.6 އިންސައްތަ އިތުރުވިއިރު، އާމްދަނީން ނަގާ ޓެކުހުން ލިބުނު ބޭރު ފައިސާގެ އަދަދު 130 އިންސައްތަ އިތުރުވެފައިވެއެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 102 އިންސައްތަ އިތުރުވިއެވެ. 

ޓެކުސް ނޫން ގޮތްގޮތުން ލިބުނު ބޭރު ފައިސާއަށް ބަލާއިރު އެއާޕޯޓު ޑިވެލޮޕްމެންޓު ފޯގެ ގޮތުގައި ނިމުނު އަހަރު 44.3 މިލިއަން ޑޮލަރު ލިބުނުއިރު، މި އަހަރު 68.1 މިލިއަަން ޑޮލަރު ލިބުނެވެ. ލޭންޑް އިކުއިޒިޝަން ކޯސްޓާއި ކޮންވާޝަން ފީގެ ގޮތުގައި ނިމުނު އަހަރު 948،500 ޑޮލަރު ލިބުނުއިރު މި އަހަރު 7.7 މިލިއަން ޑޮލަރު ލިބުނެވެ.

އަދި ޓޫރިޒަމް ބިންތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި އެންމެ ޑޮލަރެއްވެސް ނިމުނު އަހަރު ލިބިފައިނުވެއެވެ. ނަމަވެސް މި އަހަރު 30.5 މިލިއަން ޑޮލަރު ލީސް މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ލިބުނެވެ. އަދި ޓޫރިޒަމް ވިޔަފާރިއަށް ދޫކުރި ބިންތަކުގެ ކުލީގެ ގޮތުގައި މި އަހަަރު 67.9 މިލިއަން ޑޮލަރު ލިބުނެވެ. 

ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ޖުމްލަ އާމްދަނީ މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 20.1 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ނިމުނު އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޑޮލަރުގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 17.6 ބިލިއަން ރުފިޔާއެވެ. 

ކިޔުންތެރިންގެ ހިޔާލު