ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

ދިފާޢީ ވަޒީރުގެ އިލްތިމާސް ސިފައިންނަށް: ނަފްސަށް ވުރެ އަބަދުވެސް ޤައުމު އިސްކުރައްވާ

16 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ނަފްސަށް ވުރެ އަބަދުވެސް ޤައުމު އިސްކުރެއްވުމަށް ދިވެހި ސިފައިންނަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން އިލްތިމާސް ކުރައްވައިފި އެވެ.

ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު، "ދަރުމަވަންތަ" ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ ޙަވާލުކުރުމުގެ ރަސްމިއްޔާތު ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޣައްސާން ވިދާޅުވީ ދިވެހި ސިފައިންނަކީ އަބަދުވެސް ދިވެހި ޤައުމުގެ މިނިވަން ކަން ދިފާއުކުރުމަށް އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރި ބައެއް ކަމަށެވެ.

އަދި އެއީ މަދު ވަސީލަތްތަކާއެކު ވަރަށް ހިތްްވަރާއެކު މަސައްކަތް ކުރެއްވި ވަރުގަދަ ޚިދުމަތްތެރީންތަކެއް ކަމަށް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަޒީރު ވަނީ ދިވެހި ސިފައިންނަށް މުހިންމު އިލްތިމާސެއް ކުރައްވާފަ އެވެ. އަދި ދިވެހި ރައްޔިތުންނަށް ފުރިހަމަ ޔަޤީންކަމެއް ދެއްވާފަ އެެވެ.

"ނަފްސަށް ވުރެ އަބަދުވެސް ޤައުމު އިސްކުރެއްވުމަށް ސިފައިންނަށް އިލްތިމާސް ކުރަން. ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލް މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅުން އަބަދުވެސް ދިވެހި ސިފައިން ހިމާޔަތް ކުރާނެ ކަމުގެ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަކުރާރު ކުރަން," ވަޒީރު ޣައްސާން ވިދާޅުވި އެވެ.

ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މި މަނަވަރަކީ ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި އަސްކަރިއްޔާއަށް އިތުރުކުރެވިގެންދިޔަ އެންމެބޮޑު އުޅަނދެވެ. މިއީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާދާރު މެމްބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލްކަންހުރި ބަޔަކަށް ދިވެހި ސިފައިން ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު