ENGLISH
07 ސެޕްޓެމްބަރު 2025
ދިވެހި އަސްކަރިއްޔާއަށް ލިބުނު އެންމެ ބޮޑު މަނަވަރު، ވަޒީރުގެ ޝުކުރު ރައީސަށް
16 އޯގަސްޓު 2025
|
ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު، "ދަރުމަވަންތަ" ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ ޙަވާލުކުރުމުގެ ރަސްމިއްޔާތު
ދިވެހި ތާރީޚުގައި ދިވެހި އަސްކަރިއްޔާއަށް ލިބުނު އެންމެ ބޮޑު މަނަވަރު މިރޭ ލިބިގެންދިޔައީ ދިވެހި އަސްކަރިއްޔާގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު, ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރައްވަން ފެއްޓެވި އިޚްލާސްތެރި މަސައްކަތްޕުޅުގެ ސަބަބުން ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު، "ދަރުމަވަންތަ" ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޣައްސާން ވިދާޅުވީ މިރެއަކީ ސިފައިންގެ ޚިދުމަތަށް ވަރަށް ޚާއްސަ ރެއެއް ކަމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ "އެންމެ ފުރަތަމަ ދިވެހިރާއްޖެ" ޤައުމީ ޝިއާރުގެ ދަށުން ދިވެހި ގައުމުގެ އެންމެ އިސް މަސްލަޙަތު އަބަދުވެސް އިސްކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ބަސްފުޅު ދޭހަވާ ރެއެއް ކަމަށެވެ.
ވަޒީރު ވަނީ މިއީ ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އަދި އެންމެ ފުރިހަމަ މަނަވަރުކަން ފާހަގަ ކުރައްވާ މިރޭ އެކަން ހާސިލުވެގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާގެ ޙިކުމަތްތެރި ޚާރިޖީ ސިޔާސަތާއި ޤައުމާއިމެދު އޮތް އިޚްލާސްތެރިކަމުގެ ސަބަބުން ކަމަށެވެ.
"މި ލިބިގެން ދިޔައީ ދިވެހި ތާރީޚުގައި ދިވެހި އަސްކަރިއްޔާއަށް ލިބުނު އެންމެ ބޮޑު މަނަވަރު. ދުރު ރާސްތާތަކަށް ހަލުވި ކަމާއެކު ވާސިލްވެ އެންމެ ޒަމާނީ ޓެކްނޮލޮޖީއާ ވަސީލަތްތަކާއެކު ބަރުހަތިޔާރު ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މިނިވަން ކަމުގެ ފުރަަމާނަ ދޭހަކޮށްދެވޭ ވަރުގެ އުޅަނދެއް,"
ވަޒީރު ވިދާޅުވީ އަސްކަރިއްޔާގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ކޮށްދެއްވާ މަސައްކަތްޕުޅު އެންމެ ގާތުން ތަޖުރިބާ ކުރެވުނު މީހެއްގެ ހައިސިއްޔަތުން މިރޭ ހާސިލުކުރެވުނު ކާމިޔާބީގައި ރައީސްގެ މަސައްކަތްޕުޅުން ފާހަގަކުރައްވާ ކަމަށެވެ.