ENGLISH

08 ސެޕްޓެމްބަރު 2025

Advertisement

ތާރީޚީ ރެޔެއް: ތުރުކީން ހަދިޔާކުރި މަނަވަރު ސިފައިންނާއި ހަވާލުކޮށް ކޮމިޝަން ކޮށްފި

15 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ތުރުކީން ހަދިޔާކުރި މަނަވަރު ސިފައިންނާއި ހަވާލުކޮށް ކޮމިޝަން ކުރުން

ތުރުކިވިލާތުން ރާއްޖެއަށް ހަދިޔާ ކުރެއްވި ނޭވީ މަނަވަރު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ރަސްމީކޮށް ހަވާލުކޮށް ކޮމިޝަން ކުރުމުގެ ރަސްމިއްޔާތު މިރޭ ބާއްވައިފި އެވެ.

މިރޭ އޮތް ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

"ދަރުމަވަންތަ" ނަން ދީފައިވާ މި މަނަވަރު އެމްއެންޑީއެފާ ރަސްމީކޮށް ހަވާލުކުރުމާއި، ޚިދުމަތަށް ނެރެ، ޤައުމީ ދިފާޢީ ބާރަށް ކަމިޝަން ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކަދިރް ޔިލްޑްޒް އާއި ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މިރޭގެ ރަަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަނަވަރުގެ ނަން ބޯޑް ކަޝްފުކޮށް ދެއްވާފަ އެވެ. އަދި މަނަވަރު ކަމިޝަން ކުރުމަށް ޚާއްސަ ޑްރިލެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަނަވަރު ބައްލަވާލައްވާފަ އެވެ. އަދި މެހެމާނުން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ވަނީ ސޮއި ކުރައްވާފަ އެވެ.

ތުރުކީވިލާތުން ހިލޭ އެހީގެ ގޮތުގައި ޑޯގަން ކްލާސް މަނަވަރެއް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ދިފާޢީ ވުޒާރާ އިން ހާމަކުރީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ޙިމާޔަތްކޮށް ރައްކާތެރި ކުރުން ކަމަށާ މަޤާމާއި ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން މި ސިޔާސަތު ތަންފީޒު ކުރެއްވުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރައްވަން ފައްޓަވާފައިވާ ކަމަށް އެ ވުޒާރާ އިން ބުނެ އެވެ.

އެގޮތުން ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑު ދެގުނަ ކުރައްވައި ޤާބިލުކަން އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ. ތުރުކީވިލާތުން ހިލޭ އެހީގެ ގޮތުގައި ޑޯގަން ކްލާސް މަނަވަރެއް ހަދިޔާކުރަން ނިންމީ އެ ލަނޑުދަނޑިއަށް ވާސިލުވުމަށްޓަކާ ރަޙްމަތްތެރި ޤައުމުތަކާއެކު ބަދަހި ކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށްވެސް ބުންޏެވެ.

މި އުޅަނދު ސިފައިންގެ ޚިދުމަތަށް ތަޢާރަފު ކުރެވުމަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަން ޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލްކަން ހުރި ބަޔަކަށް ދިވެހި ސިފައިން ހެއްދެވުމަށް ރައީސް ކަނޑައަޅުއްވާފައިވާ ދަނޑުދަނޑިއަށް ވާސިލުވުމަށް ނެގުނު މުހިންމު ފިޔަވަޅެއް ކަމުގައި ވެސް ދިފާޢީ ވުޒާރާއިން ފާހަގަކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު