ENGLISH
08 ސެޕްޓެމްބަރު 2025
ރައީީސް މައުމޫނާއި ގުޅޭގޮތުން ރައީސް ޔާމީން ދޮގު ވާހަކަތަކެއް ދެއްކެވުމުން ޤާނޫނީގޮތުން އެޅެން ހުރި ފިޔަވަޅުތައް ބަލަނީ
15 އޯގަސްޓު 2025
|
ކުރީގެ ރައީސް މައުމޫން އަދި ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ފެބްރުއަރީ މަހު ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ހައްޔަރުކުރަން ޖެހުނު ސަބަބުކަމަށް ވިދާޅުވެ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ދައްކަވާފައިވާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް އެކުލެވިގެންނުވާ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސް މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.
އެކަމާއި ގުޅޭގޮތުން ރައީސް މައުމޫންގެ ފަރާތްޕުޅުން މިރޭ ވަނީ ބަޔާނެް ނެރުއްވާފަ އެވެ. އެ ބަޔާނުގައި ބުނީ ރައީސް މައުމޫން ހައްޔަރު ކުރަންޖެހުނު ސަބަބަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުންކަމަށް ވިދާޅުވެ ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަފުޅުތަކަކީ، މައުމޫންގެ ނަންފުޅު ކިލަނބުކުރުމުގެ ގޮތުން ދައްކަވާފައިވާ ވަރަށް ދަށު ދަރަޖައިގެ ދޮގު ވާހަކަތަކެއް ކަމަށެވެ.
2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވި ކޯޓު އަމުރަކީ، ރައީސް މައުމޫންއާ އެއްވެސް ވަރަކަށް ގުޅުންހުރި ކަމެއް ނޫން ކަމަށް ބަޔާނުގައިވެ އެވެ.
އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކޯޓު އަމުރެއް ހޯދުމުގެ ބޭނުމުގައި ނުވަތަ އެނޫންވެސް ނިންމުމެއް ނިންމުމުގެ ގޮތުން، ފަނޑިޔާރުންނަށް ރިޝްވަރު ދިނުމުގެ ހަޑި މުޑުދާރު އެއްވެސް ޢަމަލެއް ރައީސް މައުމޫން ދުވަހަކުވެސް ކުރައްވާފައެއް ނުވާނެ ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ކަމުގައިވިޔަސް އަދި އޭގެ ކުރިންކަމުގައިވިޔަސް އަދި އޭގެ ފަހުން ކަމުގައިވިޔަސް، ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް އަދި އެނޫންވެސް ދައުލަތުގެ ކަމަކާއި ހަވާލުވެގެންހުރި އެއްވެސް ފަރާތަކަށް ރައީސް މައުމޫންގެ ފަރާތްޕުޅުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ނުވަތަ އެހެން އެއްޗެއް ދުވަހަކުވެސް ދީފައެއްނުވާނެ ކަމަށް ބަޔާނުގައިވެ އެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ފުރުއްވާފައިވާ ފަރާތަކުން، ކުޑަވެސް ޙަޤީޤަތެއް އެކުލެވިގެންނުވާ މިފަދަ ދޮގު ވާހަކަތައް މުޖުތަމަޢުގައި ފަތުރަމުން ގެންދިޔުމަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްގެ ގޮތުގައި ދެކޭ ކަމަށާ ރައީސް ޔާމީންގެ މި ވާހަކަތަކާއި ގުޅިގެން ޤާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާމެދު ރައީސް މައުމޫން ގެންދަވަނީ ވިސްނަވާ ވަޑައިގަންނަވަމުން ކަމަށް ބަޔާނުގައިވެ އެވެ.
"...ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ދިވެހި ލޮބުވެރި އެންމެހާ ރައްޔިތުންނަށް އަރުވަން ބޭނުންފުޅުވާ ޔަޤީންކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ޚިލާފު އެއްވެސް ޢަމަލެއް އެމަނިކުފާނުގެ ފަރާތްޕުޅުން ދުވަހަކުވެސް ކުރައްވާފައިނުވާނެ ކަމުގެ ޔަޤީންކަމެވެ," ބަޔާނުގައިވެ އެވެ.