ENGLISH
08 ސެޕްޓެމްބަރު 2025
ފަލަސްތީނުގެ ހައްޤުގައި އެތައް ހާސް ބަޔަކު ނުކުމެ އަޑުއުފުލައިފި
15 އޯގަސްޓު 2025
|
ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމު ކުށްވެރިކޮށް، ރާއްޖޭގައި އެތައް ހާސް ބަޔަކު މިއަދު ނުކުމެ އަޑުއުފުލައިފި އެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިސްނަގައިގެން ރާއްޖޭގެ ގިނަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ގުޅިގެން ބޭއްވި މި އެއްވުމަކީ ޣައްޒާ ހިޞާރުކުރުމާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވުނު އެއްވުމެކެވެ. މި އެއްވުމުގައި ދައުލަތުގެ ވަޒީރުންނާއި ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިންނާއި އާންމު ރައްޔިތުން އަދި ބޭރުގެ އެކި ފަރާތްތަކުން ބައިވެރިވިއެވެ.
އެއްވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ އިޒްރޭލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިކުރުމަށާއި މިނިވަން މުސްތަޤިއްލު ފަލަސްތީނެއް ޤާއިމުކުރުމަށްވެސް ގޮވާލާފައިވެއެވެ.
މި އެއްވުމުގައި ޣައްޒާގެ ގަތުލުއާންމު އަދި ޔަހޫދީ ދައުލަތުގެ އަނިޔާތައް ކައިރިން ތަޖުރިބާކޮށްފައިވާ ފަލަސްތީނުގެ ދެ ބޭފުޅަކު ވެސް ވަނީ އެ ބޭފުޅުންގެ ޝުޢޫރުތައް ފާޅުކޮށްފައެވެ.
މި އެއްވުމަކީ "ގްލޯބަލް ސުމޫދް ފްލޮޓިއްލާ" ހަރަކާތުގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދެވުނު އެއް ހަރަކާތެވެ.
މި ހަރަކާތަކީ އިސްރާއީލްގެ އިސްތިއުމާރީ ސިފައިން ޢައްޒާ ހިސޯރުކޮށް އިންސާނިއްޔަތާ ޚިލާފަށް ހިންގަމުންގެންދާ ޖަރީމާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ 44 ޤައުމެއް ގުޅިގެން ފަށާފައިވާ ހަރަކާތެކެވެ. މީގެ ކުރިން ރާއްޖޭގައި މި ހަރަކާތުގެ ދަށުން ބައެއް ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.ވެ.
މި އެއްވުމުގެ ނިމުމުގައި، ބައިވެރިންވަނީ ފަލަސްތީނުގެ ދިދަ ނަގައި، "ފްރީ ފްރީ ޕަލެސްޓައިން" އަދި "ސޭވް ޣައްޒާ" ފަދަ ޝިޢާރުތައް ގަދައަޑުން ގޮވާފައެވެ.
އަދި ފަލަސްތީނުގެ ރައްޔިތުންނަށް ޓަކައި ޖަމާޢަތުގައި ދުޢާވެސް ކޮށްފައިވެ އެވެ.
މި އެއްވުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ފަލަސްތީނުގެ މައްސަލައަށް ގެނައުމަށާއި، އިޒްރޭލުގެ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ބާރުއެޅުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.