ENGLISH
08 ސެޕްޓެމްބަރު 2025
އަބުރުގެ ޙުރުމަތްތެރިކަން ގުޅިފައިވަނީ ލެޔާއި މުދަލަށް: ހުކުރު ޚުޠުބާާ
15 އޯގަސްޓު 2025
|
އިންސާނާގެ އަބުރުގެ ޙުރުމަތްތެރިކަން، މާތް ނަބިއްޔާ، ގުޅުވާލައްވާފައިވަނީ ލެޔާއި މުދަލަށް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"އަބުރު ޙިމާޔަތަކުރުން" މި މައުޟޫޢަށް މުޅި ރާއްޖޭގައި މިއަދު ދިން ޚުޠުބާގައި ބުނެފައިވަނީ، ޙައްޤަކާނުލާ މީހަކު މަރާލުން ޙަރާމްވެގެންވާ ފަދައިން އަދި މީހެއްގެ މުދާ އަތުލައިގަތުން ޙަރާމްވެގެންވާ ފަދައިން އިންސާނެއްގެ އަބުރަށް އަރައިގަތުން ވެސް ހުއްދަވެގެން ނުވާނެ ކަމަށެވެ.
ޚުޠުބާގައި ވަނީ މިކަމުގެ ދަލީލެއްގެ ގޮތުން އެކަލޭގެފާނު ޙައްޖަތުލް ވަދާޢުގައި ދެއްވި ޚުޠުބާގައި ޙަދީޘްކުރެއްވި ބަސްފުޅެއް ގެންނަވައިފައެވެ. "ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެޔާއި މުދަލާއި އަބުރަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. މިއަދު (ޢަރަފާތު ދުވަސް) ޙުރުމަތްތެރިވެގެންވާ ފަދައިންނެވެ. މި މައްސަރު (ޛުލް ޙިއްޖާ މަސް) ޙުރުމަތްތެރިވެގެންވާ ފަދައިންނެވެ. މި ރަށް (މައްކާ) ޙުރުމަތްތެރިވެގެންވާ ފަދައިންނެވެ." ނަމަވެސް، މިއަދުގެ މުޖުތަމަޢުގައި އެންމެ ބޮޑަށް ޢާންމުވަމުންދާ އެއް ފާފައަކީ އެއްވެސް ވަރަކަށް ވިސްނާލުމެއްނެތި، ތެދު،ދޮގު ބެލުމެއްނެތި މީހުންގެ އަބުރު ކަތިލުންކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
މިކަމުގެ ނުބައިކަން ބަޔާންކޮށްދީ، މާތް ނަބިއްޔާގެ އެތައް ޙަދީޘެއް ޚުޠުބާގައި ގެނެސްފައިވެއެވެ. އެގޮތުން، މުއުމިނަކާ ގުޅުވައިގެން ދޮގުހެދި މީހަކަށް އެ ބަސް ރުޖޫޢަނުވެ މަރުވެއްޖެނަމަ، ނަރަކައިގެ އަހުލުވެރިންގެ ގައިން ނުކުންނަ ފާދިޔައިގައި އެމީހަކު ވަޒަންވެރިކުރުވޭނެ ކަމަށް އެކަލޭގެފާނު ޙަދީޘްކުރައްވާފައިވާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި، އޭގެ ތެދުދޮގު ބެލުމެއްނެތި ވާހަކަދެއްކުމުގެ ސަބަބުން މަޝްރިޤާއި މަޣްރިބުގެ ދުރުމިނަށްވުރެ ފުނަށް ނަރަކައަށް ވެއްޓޭނެކަމަށް އައިސްފައިވާ ޙަދީޘް ބަސްފުޅެއްވެސް ޚުޠުބާގައި ގެނެސް، މީސްމީޑިއާގެ މަންސަތްކުގައި ޚަބަރުތައް ހިއްސާކޮށްހެދުމުގައި ވަކިން ފަރުވާތެރިވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އެހެނީ، އިސްލާމްދީން ގޮވާލަނީ މީހުންގެ ޢައިބުތައް ވަންހަނާކުރުމަށެވެ.
މީހަކު އޭނާގެ އަޚާ، ފަޟީޙަތްކޮށްފިނަމަ، އޭނާ ގެއަށްވަދެ ފިލާ އޮތް ނަމަވެސް، ﷲ ތަޢާލާ އޭނާގެ ކަންކަން ފަޟީޙަތްކުރައްވާނެ ކަމަށް އައިސްފައިވާ ޙަދީޘް ބަސްފުޅެއް ޚުޠުބާގައި ގެނެސްފައިވެއެވެ. އަދި، މިޢުރާޖުގެ ރޭގައި އެމީހުންގެ ނިޔަފަތި ލޮއިން ތިބި ބައެއް އެމީހުންގެ މޫނުތަކާއި މޭތަކުގައި ވަކިއަޅާ ނޮޅަމުންދިޔަތަން ނަބިއްޔާ އަށް ފެނިވަޑައިގަތުމުން އެއީ ކޮން ބައެއްތޯ ޖިބްރީލްގެފާނާއި ސުވާލުކުރެއްވުމުން، އެއީ މީހުންގެ މަސްކައި، މީހުންގެ އަބުރަށް އަރައިގަނެ އުޅުނު މީހުން ކަމަށް އެކަލޭގެފާނު ވިދާޅުވިކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ދެވަނަ ޚުޠުބާގައި ބުނެފައިވަނީ، އިސްލާމްދީން ވަނީ މީސްތަކުންގެ އަބުރު ރައްކާތެރިކުރައްވާ ޙިމާޔަތްކޮށްދެއްވާފަ ކަމަށެވެ. އަދި މީހުންގެ ޢައިބުތައް ހޯދާ އެމީހުން ފަޟީޙަތްކުރުން މަނާކުރައްވާފައިވާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ދުނިޔެމަތީގައި މުސްލިމަކު ފަޟީޙަތްކޮށްފި މީހާ، ﷲ ތަޢާލާ ޤިޔާމަތް ދުވަހު ފަޟީޙަތްކުރައްވާނެ ކަމަށާއި، ދުނިޔެމަތީގައި މުސްލިމެއްގެ ޢައިބު ފޮރުވައިފިމީހާގެ ޢައިބުތައް ޤިޔާމަތް ދުވަހު އޭނާއަށް ﷲ ތަޢާލާ ވަންހަނާކޮށްދެއްވާނެކަމަށް މާތް ނަބިއްޔާ ޙަދީޘްކުރައްވާފައިވާ ބަސްފުޅު ޚުޠުބާގައި ގެނެސްފައިވެއެވެ.